ހޯމް މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދަކީ ކޮންމެ ދުވަހަކު ވެސް ބަދަލުވަމުންދާ އެއްޗެއް ކަމަށާއި އެ އަދަދު ބެލުމަށްފަހު ސާފުކޮށް ލިޔުމުން މަޖިލީހަށް އަންގަވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އިހުސާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން، ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މެންބަރު ސަމީރު ސުވާލު ކުރެއްވީ ހޯމް މިނިސްޓްރީގެ ދަށުގައި މިވަގުތު ތިބި ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދަކީ ކޮބައިތޯ ބެލުމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، އެ މިނިސްޓްރީގައި ތިބޭ ސިޔާސީ މުވައްޒަފުންގެ އަދަދަކީ ބައެއް ފަހަރު ކޮންމެ ދުވަހަކު ވެސް ބަދަލުވަމުންދާ މައުލޫމާތެއް ކަމަށެވެ. އެހެންކަމުން މިއަދުގެ މި ވަގުތު އެ މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުންގެ ސައްހަ އަދަދު ކަށަވަރުކުރުމަށްފަހު، އެ މައުލޫމާތު ލިޔުމުން މެންބަރަށް އަރުވާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.
ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރުމާ ގުޅޭގޮތުން އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރިއިރު، މުޅި ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދު ހާމަކުރުމަށް ރައީސް އޮފީހުން ވަނީ ދެކޮޅު ހަދައިފަ އެވެ. ސިޔާސީ މުވައްޒަފުންގެ އަދަދާއި އެ މުވައްޒަފުންނަށް ހިނގާ ހަރަދުތަކުގެ ތަފްސީލު ހާމަނުކުރާ މައްސަލައިގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ އެ މައުލޫމާތު ހާމަކުރުމަށް ރައީސް އޮފީހަށް ވަކި މުހުލަތެއް ވެސް ދީފަ އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ދިން މުހުލަތު ހަމަވިރުވެސް ރައީސް އޮފީހުން އެ މައުލޫމާތު އާންމުކޮށްފައެއް ނުވެ އެވެ.
ޑޮލަރުގެ އަގު މައްޗަށް ދަނީ ބާޒާރުގައި ނެތުމުން: ނަޝީދު
ގާލް ގެޑޮޓް މެޓް ގާލާއިން ނުފެންނަނީ ޑުއާލިޕާގެ ސަބަބުން؟
ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ލޯންޗެއް އަޑިއަށް ހިނގައްޖެ
