މި އަހަރުގެ ފީފާ ވޯލްޑް ކަޕަށް ހަރުކަށި ފިކުރުގެ މީހުންނާއި ކުށްވެރިންގެ ނުރައްކާ އޮތްކަމުގެ އިންޓެލިޖެންސް ރިޕޯޓްތަކުން އިންޒާރު ދީފައިވާއިރު، ސަލާމަތީ ކަންކަމަށް ފާސްކޮށްފައިވާ އެތައް މިލިއަން ޑޮލަރެއް ލިބުން ލަސްވުމުގެ ސަބަބުން އެމެރިކާގެ ތައްޔާރީތައް ވަނީ އެތައް ގުނައަކަށް ފަހަތަށް ޖެހިފަ އެވެ.

މީގެ ކުރިން ރިޕޯޓްކޮށްފައިނުވާ، އެމެރިކާގެ ފެޑަރަލް އަދި ސްޓޭޓް އޮފިޝަލުންނާއި ވޯލްޑް ކަޕް ބަލަހައްޓާ ބައިނަލްއަގުވާމީ ފެޑެރޭޝަން ކަމަށްވާ ފީފާގެ ބްރީފިންތަކުގައި، ހަރުކަށި ފިކުރުގެ ހަމަލާތަކުގެ ނުރައްކަލާއި، ދަތުރުފަތުރުގެ ނިޒާމަށް ދީފާނެ ހަމަލާތަކާއި، ރައީސް ޑޮނަލްޑް ޓްރަމްޕް ހިޖުރަވެރިންނާ ދެކޮޅަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާ ގުޅިގެން އުފެދިދާނެ މަދަނީ ހަމަނުޖެހުންތަކުގެ މައްޗަށް އަލިއަޅުވާލާފައިވެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ކުޅިވަރު ހަރަކާތް ކަމަށްވާ ފީފާ ވޯލްޑް ކަޕް މިއަހަރުގެ ޖޫން އަދި ޖުލައި މަހު ބޭއްވުމަށް ހަމަޖެހިފައިވަނީ އުތުރު އެމެރިކާގެ ތިން ގައުމެއްގަ އެވެ. އެއީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގަ އެވެ.

މިފަދަ ހަރަކާތްތަކުގެ ސަލާމަތީ ކަންކަން އަބަދު ވެސް ވަރުގަދަ ނަމަވެސް، އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަން ފެށި ހަނގުރާމައަށްފަހު އެމެރިކާގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ތިބީ ވަރަށް މަތީ އެލާޓެއްގަ އެވެ. އަދި ބަދަލުހިފުމުގެ ގޮތުން ދީފާނެ ހަމަލާތަކުގެ ކަންބޮޑުވުން އެ ފަރާތްތަކުން ވަނީ ފާޅުކޮށްފަ އެވެ.

އެމެރިކާގައި ވޯލްޑް ކަޕަށް ތައްޔާރުވުމުގެ މަސައްކަތް ކުރާ އޮފިޝަލުން ފާއިތުވި ހަފުތާތަކުގައި ވަނީ، 2025 ވަނަ އަހަރުގެ ޖުލައި މަހު ރިޕަބްލިކަން ޕާޓީގެ ތާއީދާއެކު ފާސްކުރި ޚަރަދުތަކުގެ ބިލުގައި ހިމެނޭ، ސަލާމަތީ ކަންކަމަށް ޚާއްސަ 625 މިލިއަން ޑޮލަރުގެ ފެޑަރަލް ގްރާންޓް ނުލިބި ހުއްޓިފައިވާތީ އެކަމުގެ އިންޒާރު ދީފަ އެވެ.

މި ފައިސާ ދޫކުރުމާ ހަވާލުވެފައިވާ ފެޑަރަލް އިމަޖެންސީ މެނޭޖްމަންޓް އެޖެންސީ (ފީމާ) އިން ނޮވެމްބަރު މަހު ބުނެފައިވަނީ، ޖެނުއަރީ 30 ގެ ކުރިން އެ ފައިސާ ހަމަޖެހޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ފައިސާ އަދިވެސް ނުލިބޭ ކަމަށް ބުނެ އޮފިޝަލުންނާއި އިންތިޒާމުކުރާ ފަރާތްތަކުން ޝަކުވާ ކުރުމާ ގުޅިގެން، މިމަހު ރޮއިޓާސް އިން ކުރި ސުވާލުތަކަށްފަހު، ފީމާ އިން ބުދަ ދުވަހު ވަނީ އެ ގްރާންޓްތައް ނުވަތަ އެހީތައް ދީފައިވާކަން އިއުލާނުކޮށްފަ އެވެ. އަދި އެ ފައިސާގެ ސަބަބުން "ސަލާމަތީ ތައްޔާރީތައް ވަރުގަދަވެގެންދާނެ" ކަމަށް ބުނެފައިވެ އެވެ.

މުބާރާތުގެ ފުރަތަމަ މެޗުތައް ޖޫން 11 ގައި މެކްސިކޯގައި، އަދި ޖެހިގެން އަންނަ ދުވަހު އެމެރިކާ އާއި ކެނެޑާގައި ފެށުމަށް ހަމަޖެހިފައިވާއިރު، މެޗުތައް ބާއްވާ ސްޓޭޓްތަކާއި ސިޓީތަކުން ދަނީ ތައްޔާރީތަކުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންނެވެ. މީގެ ތެރޭގައި ދީފާނެ ހަމަލާތަކުން ރައްކާތެރިވާނެ ގޮތްތައް ހިމެނެއެވެ.

ފައިސާ ލިބުން ލަސްވުމާއި ނުރައްކަލުގެ އިންޒާރުތަކުގެ ސަބަބުން، މިހާރުވެސް އޮތް އުނދަގޫ މަރުހަލާ އިތުރަށް ގޯސްވެފައިވާ ކަމަށް މިކަމުގައި ބައިވެރިވާ ބައެއް އޮފިޝަލުން ރޮއިޓާސްއަށް ކިޔައިދިނެވެ.

އެމެރިކާގެ އެކި ކަންކޮޅުތަކުގައި ހުރި 80 އިންފޮމޭޝަން ސެންޓަރުގެ މައްޗަށް އެކުލެވޭ ނޭޝަނަލް ފިއުޝަން ސެންޓަރު އެސޯސިއޭޝަންގެ ރައީސް މައިކް ސެނާ ވިދާޅުވި ގޮތުގައި، ގްރާންޓް ފައިސާ ދޫކުރުމުގެ މަރުހަލާއަށް އާންމުކޮށް މަސްތަކެއް ނަގަ އެވެ. އަދި ޓެކްނޮލޮޖީ އާއި ސާމާނު ގަތުމަށް އެއަށްވުރެ ގިނަ ދުވަސް ނަގާފާނެ އެވެ.

"ވަގުތު އޮތީ ވަރަށް ބޮޑަށް ކުޑަވެފައި،" އޭނާ ވިދާޅުވި އެވެ.

ނިއު ޖާޒީން ޑިސެމްބަރު 2025 ގައި ނެރުނު އިންޓެލިޖެންސް ރިޕޯޓެއްގައި، އެ ސްޓޭޓްގައި ބާއްވާ މެޗުތަކަށް (މީގެ ތެރޭގައި ފައިނަލް މެޗު ހިމެނޭ) އޮތް ނުރައްކާތަކަށް ބަލާއިރު، ފަހަކަށް އައިސް އެމެރިކާގެ އެތެރޭގައި ދީފައިވާ ހަމަލާތަކާއި، ހުއްޓުވާފައިވާ ޓެރަރިސްޓް ރޭވުންތަކާއި، ހަރުކަށި ފިކުރުގެ ޕްރޮޕެގެންޑާ ފެތުރުން އިތުރުވެފައިވާކަން ފާހަގަކޮށްފައިވެ އެވެ. އަދި ގައުމުތަކުގެ މެދުގައި އޮތް ނުތަނަވަސްކަމާ ގުޅިގެން ކުއްލިއަކަށް މީހުން އެއްވެ ހިންގާފާނެ ހަރަކާތްތަކުގެ ފުރުސަތު އޮތްކަންވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ސެޕްޓެމްބަރު 2025 ގެ ތާރީޚު ޖަހާފައިވާ އެހެން އިންޓެލިޖެންސް ރިޕޯޓެއްގައި، ވޯލްޑް ކަޕް ދުވަސްވަރު ރޭލު ދަތުރުފަތުރުގެ ނިޒާމަށް ހަމަލާދިނުމަށް ހިތްވަރުދޭ ފަދަ އޮންލައިން ޕޯސްޓެއްގެ ވާހަކަ ބަޔާންކޮށްފައިވެއެވެ. އެ ޕޯސްޓުގައި ރޭލުތައް މަގުން ކައްސުވާލުމަށް ވަރަށް ގިނަ ފުރުސަތުތަކެއް ލިބިފައި އެބަހުރިކަމަށް ބުނެފައިވާއިރު، އެމެރިކާގެ ހުޅަނގު އައްސޭރިއާއި ކެނެޑާގައި ކުޅޭ މެޗުތަކަށް ވަނީ ފާހަގަކޮށްފައެވެ. މި ލިޔެކިޔުންތައް ހޯދާފައިވަނީ ދެފުށް ފެންނަ ގޮތަށް މަސައްކަތްކުރާ ނޮން-ޕްރޮފިޓް ޖަމިއްޔާއެއް ކަމަށްވާ 'ޕްރޮޕަޓީ އޮފް ދަ ޕީޕަލް' އިން ހުށަހެޅި އޯޕަން ރެކޯޑްސް ރިކުއެސްޓްތަކެއްގެ ޒަރީއާއިންނެވެ.

ފަންޑިންގ ލަސްވުމުގެ ސަބަބުން ކަންބޮޑުވުންތައް އިތުރުވަމުންދާއިރު، އައި.ސީ.އީ އާ މެދު އޮތް ބިރުވެރިކަން ބޮޑުވުން

މި ފައިސާ ދޫކުރުން ލަސްކުރި ކަމުގެ ތުހުމަތު ޑިމޮކްރެޓުން އަޅުވާފައިވަނީ މަގާމުން ވަކިވެވަޑައިގަންނަވާ އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ ކްރިސްޓީ ނޯމްގެ އިސްތަށިފުޅުގަ އެވެ. ނޯމްގެ އިރުޝާދުގެ ދަށުން، ހޯމްލޭންޑް ސެކިއުރިޓީން ވަނީ މިދިޔަ އަހަރު ޑިމޮކްރެޓުންގެ ބާރު އޮތް 12 ސްޓޭޓަކާއި ވޮޝިންޓަން ޑީ.ސީ އަށް ދޭންޖެހޭ އެތައް މިލިއަން ޑޮލަރެއްގެ ސެކިއުރިޓީ ފަންޑު ހިފަހައްޓާފަ އެވެ. އެއީ އިމިގްރޭޝަން ގާނޫނުތައް ތަންފީޒުކުރުން ވަރުގަދަކުރުމަށް އެ ފަރާތްތަކަށް ބާރުއެޅުމުގެ ގޮތުންނެވެ.

މިކަމާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން، ވައިޓް ހައުސްގެ ތަރުޖަމާނު ޑޭވިސް އިންގްލް ވަނީ ފަންޑިންގ ލަސްވުމުގެ ޒިންމާ ޑިމޮކްރެޓުންގެ ބޮލުގައި އަޅުވާފައެވެ. އޭނާ ވިދާޅުވީ މިކަން ދިމާވީ އިމިގްރޭޝަން ތަންފީޒުކުރާ އުސޫލުތަކާ މެދު އުފެދުނު ޚިޔާލުތަފާތުވުންތަކުގެ ސަބަބުން ކަމަށެވެ.

"ރައީސްގެ އަމާޒަކީ މިއީ މިހާތަނަށް ބޭއްވޭ އެންމެ ފުރިހަމަ ވޯލްޑް ކަޕަށް ހެދުމާއެކު، ތާރީޚުގައި ވެސް އެންމެ ރައްކާތެރި އަދި އަމާން މުބާރާތަށް ހެދުން. ޑިމޮކްރެޓުން މި ކުޅިވަރު ކުޅުން ހުއްޓާލަން އެބަޖެހޭ." އިންގްލް ނެރުނު ބަޔާނެއްގައިވެއެވެ.

ޓްރަމްޕްގެ އިމިގްރޭޝަން ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން މިހާރުވެސް މުބާރާތަށް ވަނީ ހިޔަނި އެޅިފަ އެވެ. އަދި އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް އޮފިސަރުންގެ ހަރަކާތްތަކާ މެދު ވަނީ ކަންބޮޑުވުން އުފެދިފަ އެވެ. ޖެނުއަރީ 2025 ގައި ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން، މޫނު ނިވާކޮށްގެން ތިބޭ އިމިގްރޭޝަން އެޖެންޓުން ދަނީ އެމެރިކާގެ ސިޓީތަކުން ގަވާއިދާ ޚިލާފަށް އުޅޭ ކަމަށް ތުހުމަތުކުރެވޭ މީހުން ހޯދައި ހައްޔަރުކުރަމުންނެވެ. އަދި އެއާޕޯޓްތަކުން ބައެއް ފަތުރުވެރިން ވެސް ވަނީ ހިފަހައްޓާފަ އެވެ.

އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއީ ޓްރަމްޕްގެ ދައުރުގައި ބައިނަލްއަގުވާމީ ޒިޔާރަތްތެރިންގެ އަދަދު ދަށަށް ދިޔުމާ ދިމާވި ކަމެކެވެ. އެހެންނަމަވެސް، ކުރީބައިގައި ލިބިފައިވާ ނިޝާންތަކުން ދައްކާގޮތުގައި މުބާރާތުގެ ފްލައިޓް ބުކިންގްތަކާއި ޓިކެޓް ސޭލްސް އަދިވެސް ހުރީ ވަރަށް ވަރުގަދަކޮށެވެ.

ޖެނުއަރީ 28 ގައި ފީފާއިން ނެރުނު ހަފުތާގެ އިންޓެލިޖެންސް ބްރީފިންއެއްގައި، އެނަލިސްޓުން ވަނީ އިންޒާރު ދީފައެވެ. އެއީ އިމިގްރޭޝަން ގާނޫނުތައް ތަންފީޒުކުރުމާ ގުޅިގެން އެމެރިކާގެ ސިޓީތަކުގައި އައި.ސީ.އީ އާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގެ ސަބަބުން، "އެކަނި ހަރަކާތްތެރިވާ ފަރާތްތަކުން ނުވަތަ ހަރުކަށި ފިކުރުގެ މީހުންގެ ފަރާތުން ނުރައްކާތެރި އަމަލުތަކެއް" ހިންގުމަށް އޮތް ހުރަސްތައް ކުޑަވެދާނެ ކަމަށެވެ.

މީގެ އިތުރުން، ޓްރަމްޕް ވަނީ ތިރީހަށްވުރެ ގިނަ ގައުމެއްގެ ރައްޔިތުން އެމެރިކާއަށް ވަނުން މުޅިން ނުވަތަ ބައެއް ގޮތްގޮތުން މަނާކޮށްފައެވެ. އޭގެ ތެރޭގައި އީރާން ހިމެނެއެވެ. އީރާނުން މިހާރު ދަނީ އެމެރިކާއާއެކު އޮތް ހަމަނުޖެހުމުގެ ސަބަބުން، އެ ގައުމުގެ މެޗުތައް މެކްސިކޯއަށް ބަދަލުކުރުމަށް ފީފާއާއެކު މަޝްވަރާ ކުރަމުންނެވެ. ޓްރަމްޕްގެ ޓްރެވަލް ބޭން އޮތް އިތުރު ތިން ގައުމެއް ކަމަށްވާ ހައިޓީ، އައިވަރީ ކޯސްޓް އަދި ސެނެގާލް ވެސް ވަނީ މުބާރާތަށް ކޮލިފައިވެފަ އެވެ.

ސެކިއުރިޓީ ކަންބޮޑުވުންތައް ފީފާ ވޯލްޑް ކަޕް 2026 ގެ ފޭން އިވެންޓްތަކަށް ވެސް ފެތުރިފައި

ވޯލްޑް ކަޕްގެ ބައެއް އޮފިޝަލުންނާއި ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވެފައިވަނީ "ފީފާ ފޭން ފެސްޓިވަލް" އިވެންޓްތަކަކީ ވަކިން ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަންތައްތަކެއް ކަމަށެވެ. މި އިވެންޓްތަކަކީ ގިނަ އަދަދެއްގެ މީހުން އެއްވެ، ހާމަ ތަންތަނުގައި ބޮޑު ސްކްރީނުން މެޗުތައް ބަލާ ހަރަކާތްތަކެކެވެ.

ޖާޒީ ސިޓީގެ ލިބަޓީ ސްޓޭޓް ޕާކުގައި މުބާރާތުގެ މުޅި މުއްދަތަށް ބޭއްވުމަށް ރާވާފައި އޮތް ފޭން ފެސްޓިވަލް އިވެންޓެއް، މިދިޔަ މަހު ވަނީ ކުއްލި ގޮތަކަށް ކެންސަލްކޮށްފަ އެވެ. އަދި އޭގެ ބަދަލުގައި ކުދިކުދި އެއްވުންތަކެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

ނިއު ޖާޒީގެ ގަވަރުނަރު މައިކީ ޝެރިލް ވިދާޅުވީ، ގިނަ އަދަދެއްގެ ކުދި އިވެންޓްތައް ބޭއްވުމުން އެ ސަރަހައްދުގެ ގިނަ ބަޔަކަށް މި ތަޖުރިބާގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. މި ނިންމުން ނިންމުމުގައި ސަލާމަތީ ކަންކަމަށް ވެސް ރިއާޔަތްކޮށްފައިވާ ކަމަށް، މިކަން ރޭވުމުގައި އިސްކޮށް އުޅުނު ފަރާތަކުން ބުންޏެވެ.

މެޗުތައް ކުޅޭ އެއް ދަނޑު ކަމަށްވާ މެޓްލައިފް ސްޓޭޑިއަމް ހިމެނޭ ނިއު ޖާޒީގެ ދާއިރާއެއް ތަމްސީލުކުރައްވާ ޑިމޮކްރެޓިކް ޕާޓީގެ ޔޫއެސް ރެޕްރެޒެންޓޭޓިވް ނެލީ ޕޫ ވިދާޅުވީ، ވޯލްޑް ކަޕްގެ 104 މެޗުގެ ތެރެއިން ކޮންމެ މެޗަކީ ވެސް ސުޕަ ބޯލް އެއް ފަދަ ބޮޑު އިވެންޓަކަށް ވާނެ ކަމަށެވެ. އެގޮތުން ލޯކަލް ގަވަރމަންޓާއި، ސަރަހައްދީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ޕޫ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ފަރާތްތަކަށް ލިބެންޖެހޭ ހުރިހާ ފައިސާއެއް ވެސް ލިބެން ބޭނުންވާ ކަމަށާއި އަދި އެ ފައިސާ މިހާރުން މިހާރަށް ވެސް ބޭނުންވާ ކަމަށެވެ.