އިޒްރޭލަށް އަމާޒުކޮށް ފޮނުވާލާ މިސައިލްތަކާއި ޑްރޯންތައް ހުއްޓުވުމަށް މަސައްކަތްކުރާ އަރަބި ގައުމުތަކަށް ޔަމަނުގެ ހޫތީ ޖަމާއަތުން ވަރުގަދަ އިންޒާރެއް ދީފި އެވެ.
ހޫތީން ބުނެފައިވަނީ އިޒްރޭލާ ދެކޮޅަށް ފޮނުވާ ހަމަލާތައް ހުއްޓުވަން މަސައްކަތްކުރާ ކޮންމެ ގައުމަކީ އިޒްރޭލުގެ ވާގިވެރިއެއްގެ ގޮތުގައި ބަލާނެ ކަމަށެވެ.
ހޫތީންގެ ބަޔާނުގައި ހާއްސަކޮށް ސައުދީ އަރަބިއްޔާ، އުރުދުން އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ވަނީ އިންޒާރު ދީފަ އެވެ. އެ ޖަމާއަތުން ބުނި ގޮތުގައި އިރާނާއި، ޔަމަނާއި އަދި 'ރެސިސްޓެންސް އެކްސިސް' ގެ އެހެން ބައިވެރިން އިޒްރޭލަށް އަމާޒުކޮށް ފޮނުވާ މިސައިލްތައް ހުއްޓުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން އަރަބި ގައުމުތަކަށް، ހާއްސަކޮށް އުރުދުން، ސައުދީ އަރަބިއްޔާ އަދި ޔޫއޭއީއަށް އިންޒާރު ދެން. އިރާނާއި ޔަމަނުން އަދި މުޅި ރެސިސްޓެންސް އެކްސިސް އިން ޒަޔަނިސްޓް ދައުލަތާ ދެކޮޅަށް ފޮނުވާ މިސައިލްތައް ނުހުއްޓުވަން. އެކަން އެގޮތަށް ކުރަނީ ނަމަ ތިޔަ ގައުމުތަކަކީ އިޒްރޭލުގެ ބައެއް،" ހޫތީންގެ ތަރުޖަމާނު ވިދާޅުވި އެވެ.
މީގެ އިތުރުން، އިޒްރޭލާއި އެމެރިކާއަށް ފޮނުވާ މިސައިލްތައް ހުއްޓުވާ ކޮންމެ ގައުމަކީ ޒަޔަނިސްޓް ދައުލަތުގެ ވަކިނުކުރެވޭނެ ބައެއްގެ ގޮތުގައި ބަލާނެ ކަމަށްވެސް ހޫތީން ބުނެފައިވެ އެވެ.
"އީރާނުގެ މިސައިލްތައް ހުއްޓުވާ ކޮންމެ ގައުމަކާ މެދު އަމަލުކުރެވޭނީ ޒަޔަނިސްޓް ދައުލަތުގެ ވަކިނުކުރެވޭނެ ބައެއްގެ ގޮތުގައި، އަދި އިންޒާރު ދެވިފައިވާ ފަރާތަކަށް ދެއްކޭނެ އެއްވެސް އުޒުރެއް ނޯންނާނެ،" ބަޔާނުގައި ބުނެފައިވެ އެވެ.
މި އިންޒާރު އައިސްފައިވަނީ މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ، އިޒްރޭލާއި ފަލަސްތީނުގެ މައްސަލައިގައި ސަރަހައްދީ ގައުމުތަކުގެ މެދުގައި ހިޔާލުތަފާތުވުންތައް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. ހޫތީންނަކީ އިރާނުގެ ތާއީދާއެކު އިސްރާއީލާ ދެކޮޅަށް ހަރަކާތްތެރިވާ 'ރެސިސްޓެންސް އެކްސިސް' ގެ މުހިންމު ބައިވެރިއެކެވެ.

އީދު ބަންދަށް ފަހު ސަރުކާރު އޮފީސްތައް ހޯމަ ދުވަހު ހުޅުވަނީ
އީދުގައި ސަލްމާންގެ ފިލްމެއް ނެތް، ސިނަމާތައް ފަޅުވެފައި!
ގަތަރުން ރުޅިގަދަވެ އީރާނުގެ ސަފީރު ފައިބަން އަންގައިފި