އިދިކޮޅު އެމްޑީޕީގެ ޓިކެޓްގައި ހުޅުމާލެ އުތުރު ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ވާދަކުރައްވާ ފާތިމަތު ސިބާއަށް އަނިޔާވީ އިއްޔެ ހަވީރު ހިނގި އެކްސިޑެންޓެއްގެ ސަބަބުން ކަމަށް ފުލުހުން ބުނެފި އެވެ.

ސިބާއަށް ބަޔަކު ގަސްތުގައި އަނިޔާކުރީ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ވާހަކަ ފެތުރެމުންނެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގި ސަރަހައްދުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މިއީ އިއްޔެ ހަވީރު 5:25 ހާއިރު ދެ ސައިކަލު ޖެހިގެން ހިނގާފައިވާ އެކްސިޑެންޓެއް ކަމަށެވެ. ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ފަދައިން، މިއީ ވަކި މަގުސަދެއް އޮވެގެން ގަސްދުގައި މީހަކަށް ދިން ހަމަލާއެއް ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ބުންޏެވެ.

"އަދި މިއީ އެކްސިޑެންޓްވުމަށްފަހު ފިލައިގެން ދިޔަ ހާދިސާއެއް ނޫންކަން ވެސް ފާހަގަކުރަމެވެ،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ، ހުޅުމާލެ ފޭސް 2، ހިތިގަސްމަގުން ދުއްވާފައިދިޔަ ސައިކަލެއް ފޭރުގަސްމަގު 2 ނަންބަރު ގޯޅި އަށް އަޅަން އުޅުނު ވަގުތު، ހިތިގަސްމަގުން ދުއްވާފައި ދިޔަ އެހެން ސައިކަލެއް ޖެހިގެންނެވެ.

މި އެކްސިޑެންޓް ހިނގި ވަގުތު ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް ސީން އިން ބޭނުންވާ މައުލޫމާތާއި އެކްސިޑެންޓްގައި ހިމެނޭ ފަރާތްތަކުގެ މައުލޫމާތު ނަގާފައެވެ.

މި އެކްސިޑެންޓްގައި އަނިޔާވި މީހަކަށް ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓްގައި ސިބާއަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފަ އެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.