ރައްޔިތުންގެ މަޖިލިސް އިންތިހާބު، ރިޔާސީ އިންތިހާބު އޮންނަ ދުވަހު ބާއްވަން ގާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ އިސްލާހުތަކާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އޮންނަ ދުވަހު ބާއްވަނީ އެ ދެ ވޯޓު ވެސް އެކުގައި އޮތުމުން ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް ސަލާމަތްކުރެވޭނެތީކަމަށް އެޓާނީ ޖެނެރަލް އަހްމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

އޭޖީ އުޝާމް މިހެން ވިދާޅުވީ ދުސްތޫރީ އެހެން މައްސަލަތައް ކުރިއަށް ނުގެންގޮސް މި ވަގުތު ފެންނަނުފެންނަ ވޯޓެއް އަވަސްއަރުވާލައިގެން ބާއްވަން ސަރުކާރުން އުޅޭކަމަށް ބުނެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ރައްދު ދެއްވަމުންނެވެ.

އުޝާމް ވިދާޅުވީ މުޅި ރާއްޖޭގައި މިފަދަ ވޯޓެއް ވަކިން ބާއްވާނަމަ މަދުވެގެން 80 ވަރަކަށް މިލިއަން ރުފިޔާ ހޭދަވާނެ ކަމަށާއި، ކައުންސިލް އިންތިޚާބާ އެކު މި ވޯޓު ނެގުމުން ދައުލަތުގެ ބަޖެޓަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.

ސަރުކާރުން ހުށަހަޅާ މައިގަނޑު ތިން އިސްލާހު ގާނޫނުއަސާސީއަށް ގެންނަން ސަރުކާރުން ނިންމާފައިވާ މައިގަނޑު ތިން އިސްލާހެއް އޭޖީ ވަނީ ފާހަގަކުރައްވާފައެވެ. އެއީ:

  • ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުން.
  • ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުން.
  • ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުންދާ މައްސަލައަށް ހައްލެއް ގެނައުން.

އުޝާމް ވިދާޅުވި ގޮތުގައި، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށް ގާނޫނުއަސާސީއަށް ގެންނަ އިސްލާހަކީ، އެއަށް އަމަލުކުރުމުގެ ކުރިން ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގާނޫނުއަސާސީން ސީދާ ލާޒިމްކުރާ ކަމެކެވެ. ނަމަވެސް ދެން ހުރި އިސްލާހުތަކަކީ އެފަދަ ވޯޓެއް ބޭނުންވާ ކަންކަމެއް ނޫންކަން އޭނާ ފާހަގަކުރެއްވި އެވެ.

ޤާނޫނުއަސާސީއަށް ގެންނަން ބޭނުންވާ އެހެން އިސްލާހުތައް ވެސް މާލަސްތަކެއް ނުވެ މަޖިލީހަށް ހުށަހަޅާނެ ކަމަށާއި، މިހާރު ކުރިއަށްދަނީ އެކަމުގެ އެންމެ ފަހުގެ މަޝްވަރާތައް ކަމަށް އޭޖީ ވިދާޅުވި އެވެ. މިއީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެ އެވެ.

ނަމަވެސް، މި ބަދަލާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި މިއީ ޑިމޮކްރަސީއާ ބީރައްޓެހި، ސަރުކާރު ޖަވާބުދާރީކުރުވަން މަޖިލީހަށް އޮންނަ ފުރުސަތު ހަނިވެ، ޚުދުމުހުތާރު ވެރިކަމަކަށް މަގުފަހިވެދާނެ ކަމެކެވެ.