އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ އިމާރާތެއްގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ފުރާނަ ގެއްލުނު ފަސް މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު މިއަދު ބަންގްލަދޭޝަށް ފޮނުވައިލައިފި އެވެ.
ރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައިކޮމިޝަނާ ހަވާލާދީ ބުނެފައިވާ ގޮތުގައި، މިއަދު ގައުމަށް ގެންދިޔައީ ސާދަރު އަލީ އާއި ޝަފީގުލް އިސްލާމުގެ ހަށިގަނޑެވެ. މި ހާދިސާގައި މި ދެ މީހުންގެ އިތުރުން ރާޖު އުދިން އިސްލާމް އާއި ރޮބިން މޮއްލާ އާއި ނޫރްނަބީ ސަރްކާރް ވެސް ވަނީ މަރުވެފަ އެވެ. މަރުވި އެންމެންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ.
މި ހާދިސާގައި ފިހިގެން އިތުރު ދެ މީހަކަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވެ އެވެ. އައިޖީއެމްއެޗުން ބުނި ގޮތުގައި، އެއީ 40 އަހަރާއި 21 އަހަރުގެ ދެ ފިރިހެނުން ކަމަށާއި، މި ވަގުތު ވެސް އެ ދެ މީހުންނަށް ފަރުވާ ދެމުން ގެންދަނީ ވެންޓިލޭޓަރުގައި ކަމަށެވެ.
ބަންގްލަދޭޝްގެ ހައި ކޮމިޝަނަރު ޑރ. އެމްޑީ ނަޒްމުލް އިސްލާމް ވަނީ އެ ދެ މީހުންގެ ހާލު ބައްލަވައިލެއްވުމަށް ހޮސްޕިޓަލަށް ވަޑައިގެންފަ އެވެ. އަދި މަރުވި މީހުންގެ އާއިލާތަކާ ގުޅައި، ފުރިހަމަ އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން ހައިކޮމިޝަނަރު ދީފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެ އެވެ.
ފުލުހުން ބުނިގޮތުގައި، ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 1:57 ހާއިރު މި ހާދިސާގެ ރިޕޯޓު ލިބުނު އިރު، އަލިފާން ރޯވީ ރޯދަ މަހުގެ ހާރު ތައްޔާރުކުރުމުގެ ތެރޭގައި ގޭސް ސިލިންޑަރެއް ގޮވައިގެންނެވެ. އިމާރާތުގެ ތެރޭގައި ތާށިވި މީހުން ނެރެވުނީ ފުލުހުންނާއި އާއްމުން ގުޅިގެން އެ ގޭގެ ފާރެއް ތަޅައިލައިގެން ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ރޯދަ މަހުގެ ސަގާފަތްތަކުގެ ތެރެއިން ތުރުކީގެ ހާރު ދަންބެރު!
ނުވަ ކުރޫޒް ލައިނާއަކުން 15،000 ފަތުރުވެރިން އަތުވެއްޖެ
އަކްޝޭއާއެކު މަސައްކަތް ކުރަން ފަރާ ބޭނުންނުވި ސަބަބު!