ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ފާހަގަކުރައްވައި، އެކަމުން ސަލާމަތްވުމަށް ދުރާލާ ފިޔަވަޅުތަކެއް އެޅުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ހިއްސާކުރެއްވި މައުލޫމާތުގައި ވިދާޅުވީ، އެމަނިކުފާނު ހަނދުމަފުޅު ހުންނަ ގޮތުގައި އެސްޓީއޯ އާއި އަމިއްލަ ސެކްޓަރު ހިމެނޭހެން ރާއްޖޭގައި ރައްކާކުރެވެނީ ގާތްގަނޑަކަށް 70 މިލިއަން ލިޓަރުގެ ޑީސަލާއި 25 މިލިއަން ލިޓަރުގެ ޕެޓްރޯލެވެ. މިއީ ގާތްގަނޑަކަށް އެންމެ 20 ދުވަހުގެ ސްޓޮކެއްކަން ފާހަގަކުރައްވައި، ރާއްޖެ ތެލަށް ޖެހުމުގެ ބިރު ބޮޑުކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މި ހާލަތުން އަރައިގަތުމަށްޓަކައި ރައީސް ނަޝީދު ވަނީ މުހިންމު 8 ފިޔަވަޅެއް އެޅުމަށް ލަފާދެއްވާފަ އެވެ:
- ރާއްޖޭގެ އަމިއްލަ ސެކްޓަރުގެ ތެޔޮ ރައްކާކުރެވޭ މިންވަރު ދެނެގަތުން.
- ކަރަންޓު ކަނޑާނެ ގަޑިތަކެއް ކަނޑައަޅައި، ހަކަތަ އިގްތިސާދު ކުރުން.
- އެއްގަމު އުޅަނދުފަހަރު ދުއްވާ މިންވަރު ކޮންޓްރޯލް ކުރުން.
- ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ހުޅުވާފައި ހުންނަ ވަގުތު މަދުކުރުން.
- އިޖުތިމާއީ އެކި ހަރަކާތްތައް ބޭއްވުން މަދުކުރުން.
- މަސްވެރިކަމާއި ރިސޯޓްތަކަށް ބޭނުންވާ ތެޔޮ މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުން.
- މަތިންދާބޯޓުފަހަރަށް ބޭނުންވާ ތެޔޮ ލިބޭނެ ގޮތް ކަށަވަރުކުރުން.
- ހުޅަނގު އޭޝިއާ ހުރަސްކުރަން ނުޖެހޭ ފަދަ ކަނޑާއި ވައިގެ މަގުތައް ހޯދައި، ސަޕްލައި ލައިން ބަދަލުކުރުން.
ދުނިޔޭގެ ބާޒާރަށާއި ސަރަހއްދީ މަޝްރަހަށް އަންނަ ބަދަލުތަކާއެކު، ރާއްޖޭގެ ތެލުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ކޮންމެހެން މުހިންމު ކަމެއްގެ ގޮތުގައި ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފަ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ގަލްފުގެ ގިނަ ގައުމުތަކުން ތެޔޮ ލިބުން ދަތިވެ، އޭޝިއާގެ ބައެއް ގައުމުތަކުގައި ދަނީ ތެލުގެ ހަރަދު ކުޑަކުރުމަށް ބައެއް ފިޔަވަޅުތައް އަޅަމުންނެވެ. އަދި ރާއްޖެއިންވެސް ތެޔޮ ލިބޭނެ އިތުރު ގޮތްތައް ހޯދަމުންދާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ޔުމް ކާމިޔާބު މީހަކަށްވީ ގަދަ ހިތްވަރުން!
"ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަކީ ބޭނުންވާ ހަމައެއް ނޫން"
ރޯވި ގެއިން މީހުން ނެރެން ވަންނަން ޖެހުނީ ފާރު ތަޅާލައިގެން