އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއްގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެ ތަނުގެ ތެރޭގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރަން އެ ގެއަށް ވަންނަން ޖެހުނީ ގޭގެ ފާރު ތަޅާލައިގެން ކަމަށް ފުލުހުން ބުނެފި އެވެ.
ފުުލުހުން މިރޭ ނެރުނު ބަޔާނުގައި ވަނީ އެ ރަށުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ލިބުނީ ރޭ ދަންވަރު 01:57 ހާއިރު ކަމަށާއި 01:58 ގައި ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. އެ ވަގުތު ގޭގެ ބަދިގެ ތެރެއިން ވަރަށް ބޮޑަށް އަލިފާނުގެ އަސަރު ފެންނަމުން ދިޔުމުން ގޭތެރޭގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރަން ފުލުހުންނާއި އާންމުން ގުޅިގެން ގޭގެ ބިތްދޮށު ފާރު ތަޅާލި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ގެއަށް ވަދެވުނު އިރު ހަބަރު ހުސްވެފައި ތިބި ހަތް މީހަކު އެ ތަނުން ނެރެ، އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށެވެ. އޭރު ވެސް އޭގެތެރެއިން ފަސް މީހަކު މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ދުމުގެ އަސަރު ކުރުމުގެ ސަބަބުން ދެ މީހެއްގެ ހާލު ސީރިއަސްކަން އެނގުމުން އެ ދެ މީހުންނަށް އިތުރުފަރުވާއަށް މާލެ ގެނައި ކަމަށެވެ.
އެ ހާދިސާގައި މަރުވި ފަސް މީހުންނާއި އަނިޔާވި އެންމެންނަކީ ވެސް ބަންގްލަދޭޝްގެ މީހުންނެވެ.
އާންމުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވުނީ ގާތްގަނޑަކަށް 02:30 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާ ހިނގި ސަރަހައްދު މިހާރު ވަނީ ތަހުގީގުގެ ބޭނުމަށް ކޯޑަންކޮށްފަ އެވެ. އެ މައްސަލައިގެ ތަހުގީގަށް ފުލުހުންގެ މޭޖަ ކްރައިމް އިންވެސްޓިގޭޝަންގެ ހާއްސަ ޓީމެއް މިހާރު ދިގުރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ސައުދީ އާއި އޮމާނަށް ހަމަލާތައް ދިނީ އެމެރިކާއިން ކަން ހާމަވެއްޖެ
ރ. ވާދޫން އެކަނި ކަނޑުމައްޗަށް ނުކުތް މީހަކު ގެއްލިއްޖެ
ރޯދަ މަހު ކެއިންބުއިމުގައި މޭވާ ހިމަނަންވީ ގިނަ ސަބަބުތަކެއް!
