ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ، ޖެފްރީ އެޕްސްޓީންގެ މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބައެއް ފައިލްތައް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހިފަހައްޓާފައިވާކަން އެންޕީއާރު އިން ކުރި ތަހުގީގަކުން ހާމަވެއްޖެ އެވެ. މީގެ އިތުރުން، އެޕްސްޓީންގެ މައްސަލައިގައި ޓްރަމްޕަށް ކުރެވޭ ތުހުމަތުތައް ހިމެނޭ ބައެއް ލިޔެކިޔުންތައް އާންމުކޮށްފައިވާ ޑޭޓާބޭސްއިން ވެސް ވަނީ އުނިކޮށްފަ އެވެ.
މި ލިޔެކިޔުންތައް އާންމުކުރުމަށް ގާނޫނުން ލާޒިމްކުރި ނަމަވެސް، އެފްބީއައި އިން ކުރި އިންޓަވިއުތަކުގެ 50 އަށް ވުރެ ގިނަ ސަފުހާ އާއި މީގެ އެތައް އަހަރެއް ކުރިން ކުޑަކުއްޖެއްގެ ގޮތުގައި ހުރިއިރު ޓްރަމްޕް ޖިންސީ ގޯނާކުރި ކަމަށް ބުނާ އަންހެނަކާ ދެކެވުނު ވާހަކަތަކުގެ ނޯޓްތައް ހިމެނޭ ފައިލްތައް އަދިވެސް އާންމުކޮށްފައެއް ނުވެ އެވެ.
އެންޕީއާރުން ވަނީ މި ލިޔެކިޔުންތަކުގެ ސީރިއަލް ނަންބަރުތަކާއި މެޓަޑޭޓާ ބޭނުންކޮށްގެން، ޖަސްޓިސް ޑިޕާޓްމަންޓުން އާންމުނުކޮށް ހިފަހައްޓާފައިވާ އެތައް ސަފުހާއެއް ހުރިކަން ކަށަވަރުކޮށްފަ އެވެ.
މިކަމާ ގުޅޭގޮތުން ޖަސްޓިސް ޑިޕާޓްމަންޓްގެ ތަރުޖަމާނު ނަޓާލީ ބަލްޑަސާރޭ ވިދާޅުވީ އާންމުނުކޮށް ހުރި ލިޔެކިޔުންތަކަކީ އިމްތިޔާޒު ލިބިގެންވާ ނުވަތަ އެއް ލިޔުމެއްގެ ކޮޕީތަކެއް ކަމަށެވެ. އަދި ބައެއް ލިޔުންތަކަކީ މިހާރު ކުރިއަށްދާ ތަހުގީގަކާ ގުޅުންހުރި ލިޔުންތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް، ހައުސް އޯވަސައިޓް ކޮމިޓީގެ މެންބަރު ރޮބަޓް ގާސިއާ ވިދާޅުވީ ޖަސްޓިސް ޑިޕާޓްމަންޓުން މި ލިޔެކިޔުންތައް ހިފަހައްޓާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.
"އިއްޔެ އަޅުގަނޑު ޖަސްޓިސް ޑިޕާޓްމަންޓްގެ އެވިޑެންސް ލޮގްތައް ބެލިން. ރައީސް ޓްރަމްޕްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރި މީހާގެ އިންޓަވިއުތައް ޖަސްޓިސް ޑިޕާޓްމަންޓުން ގާނޫނާ ހިލާފަށް ހިފަހައްޓާފައިވާކަން ކަށަވަރުކޮށްދެން،" ގާސިއާ ވިދާޅުވި އެވެ.
މި މައްސަލާގައި ހައުސް އޯވަސައިޓް ކޮމިޓީގެ ޑިމޮކްރެޓުން މިހާރު ވަނީ ޖަސްޓިސް ޑިޕާޓްމަންޓްގެ ނިންމުމާ ގުޅޭގޮތުން ވަކި ތަހުގީގެއް ފަށައިފަ އެވެ.
މި ތުހުމަތުތަކާ ގުޅިގެން ވައިޓް ހައުސްގެ ތަރުޖަމާނު އަބީގޭލް ޖެކްސަން ވިދާޅުވީ އެޕްސްޓީންގެ ޝިކާރައަކަށްވި މީހުންނަށް ޓްރަމްޕް ކުރެއްވި މަސައްކަތް އެހެން އެއްވެސް މީހަކަށް ވުރެ އިތުރު ކަމަށެވެ. އަދި އެޕްސްޓީންގެ މައްސަލައިގައި ޓްރަމްޕްގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކުން އޭނާ ބަރީއަވެފައިވާ ކަމަށް ވެސް ވައިޓް ހައުސްއިން ބުނެފައިވެ އެވެ.
އާންމުކުރި ލިޔެކިޔުންތަކުގެ ތެރެއިން ބައެއް ފައިލްތައް މިދިޔަ ހަފުތާގައި ވަގުތީގޮތުން ނެގުމަށްފަހު އަލުން އަޕްލޯޑްކޮށްފައިވާއިރު، އަދިވެސް ބައެއް މުހިންމު ލިޔެކިޔުންތައް ފެންނަން ނެތް ކަމަށް އެންޕީއާރުން ފާހަގަކުރެ އެވެ. މީގެ ތެރޭގައި އެޕްސްޓީންގެ ބައިވެރިޔާ ޖިސްލޭން މެކްސްވެލްގެ ޝަރީއަތުގައި ހެކިބަސް ދިން މީހުންނާ ގުޅޭ ލިޔުންތައް ވެސް ހިމެނެ އެވެ.

ބަންގީގެ އަޑަށް ހިތް ލެނބި އިސްލާމްވި އުޚުތެއް!
އެޕްސްޓީން އާ ގާތް ގުޅުން އޮތް މެންޑެލްސަން ހައްޔަރުކޮށްފި
އަމިއްލަ ކުންފުނިތަކަށް ފައިސާ ދައްކައި އަދިވެސް ނުނިމޭ