އެމޭޒަން އަދި އަލީއެކްސްޕްރެސް ފަދަ ބައިނަލްއަގުވާމީ އީ-ކޮމާސް ޕްލެޓްފޯމްތައް ބްލޮކްކޮށްފައިވާ ކަމަށް ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތައް ބީއެމްއެލް އިން ދޮގުކޮށްފި އެވެ.

ބޭންކުން ފާހަގަކުރި ގޮތުގައި މި ސައިޓުތަކަށް އަމާޒުކޮށް ކާޑުގެ މުއާމާލާތްތައް ނުކުރެވޭ ގޮތަށް ހުރަސްތަކެއް އަޅާފައިވާ ކަމަށް ބުނެ ފެތުރޭ ރިޕޯޓްތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެކެވެ.

ބީއެމްއެލް އިން ބުނީ ކާޑުގެ މުއާމަލާތްތައް ފެއިލްވަނީ ކަސްޓަމަރުގެ ކާޑަށް ކަނޑައެޅިފައިވާ ލިމިޓަށްވުރެ އިތުރަށް މުއާމަލާތް ކުރުމަށް މަސައްކަތް ކުރުމުން ކަމަށެވެ.

މަގުބޫލު ޝޮޕިން ސައިޓުތަކެއް ބްލޮކް ކޮށްފައިވާ ކަމަށް ސޯޝަލް މީޑިއާގައި ފެތުރުނު ނަމަވެސް، ބޭންކުން ސާފުކޮށްދިނީ އެ ބޭންކުގެ ކާޑުގެ މުއާމަލާތްތައް ރިޖެކްޓް ވަނީ ސައިޓް ބްލޮކްކޮށްފައި ވާތީ ނޫން ކަމަށާއި މުއާމަލާތް ރިޖެކްޓްވާ މައިގަނޑު ސަބަބަކީ، އާންމުގޮތެއްގައި ކަސްޓަމަރަށް މަހެއްގެ މައްޗަށް ދީފައިވާ ފޮރިން ޓްރާންސެކްޝަން ލިމިޓް ހަމަވެފައިވުމެވެ.

ބޭންކުން ވަނީ އެމޭޒަން އަދި އަލީ އެކްސްޕްރެސްގައި ކަސްޓަމަރުން މިދިޔަ ޖަނަވަރީ މަހުން ފެށިގެން މިއަދާ ހަމަޔަށް، މި ދެ ސައިޓްގައި ކަސްޓަމަރުން މުއާމަލާތް ހިންގާފައިވާ އަދަދުގެ ތަފާސް ހިސާބެއް ވެސް ހާމަކޮށްފަ އެވެ.

ބީއެމްއެލް އިން ބުނީ މި އަހަރުގެ ޖެނުއަރީ އެކަކުން ފެބުރުވަރީ 21 ގެ ނިޔަލަށް ހަމައެކަނި އެމޭޒަން އަދި އަލީއެކްސްޕްރެސްގައި 58،000 މުއާމަލާތް ކޮށްފައިވާ ކަމަށެވެ. އެއީ 2.33 މިލިއަން ޑޮލަރެވެ.

ކަސްޓަމަރުން ކާޑުން ކުރަމުންދާ މުއާމަލާތްތަކަށް ބަލާއިރު، ބީއެމްއެލް އަށް ފާހަގަކުރެވިފައިވާ ގޮތުގައި، އަމިއްލަ ފަރުދުންގެ ޑެބިޓް އަދި ކްރެޑިޓް ކާޑުތައް ވިޔަފާރީގެ ބޭނުމަށް މުދާ ގަތުމަށް ބޭނުންކުރުން ދަނީ އިތުރުވަމުންނެވެ. އަދި ކަސްޓަމަރު ބަޔާށްކޮށްފައިވާ އާމްދަނީއަށް ވުރެ ބޮޑު އަދަދުތަކެއްގެ މުއާމަލާތްތައް ކާޑުން ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފާހަގަ ކުރެވިފައިވެ އެވެ.

ވިޔަފާރި ބޭނުންތަކަށް، މުދާ ގަތުމަށް ބެންކުން އިލްތިމާސްކުރަނީ ބޭންކުގެ ބިޒްނަސް ބޭންކިން ސޮލިއުޝަންތައް ބޭނުންކުރުމަށެވެ. މި ޚިދުމަތްތަކަކީ ބޮޑެތި އަދަދުތަކުގެ މުއާމަލާތްތައް ކުރުމަށާއި، ވިޔަފާރި މުދާ އެތެރެކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ފޯރުކޮށްދިނުމަށް ފަރުމާކުރެވިފައިވާ ހިދުމަތްތަކެކެވެ.

ކަސްޓަމަރުންނަށް ބޭނުންވާ ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށް އެހީތެރިވުމުގައި ބޭންކުން އޮތް މިންވަރު ހާމަކޮށްދެނީ ފާއިތުވި ތިން އަހަރުގެ ތަފާސްހިސާބުތަކެވެ. މި ހިސާބުތަކުން ދައްކާގޮތުގައި ބޭންކުން ކޮންމެ އަހަރަކު ވެސް އެތައް ސަތޭކަ މިލިއަން ޑޮލަރު ކާޑުން ކުރާ މުއާމަލާތްތަކަށް ހަމަޖައްސައިދެ އެވެ.

ބީއެމްއެލް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތްކޮށްފައިވާ ގޮތުގެ ތަފްސީލް

އޭޓީއެމް، އީކޮމާސް އަދި ޕީއޯއެސް މެޝިނުން 2023 އަހަރު 311 މިލިއަން ޑޮލަރު، 2024 އަހަރު 389 މިލިއަން ޑޮލަރު، 2025 އަހަރު 524 މިލިއަން ޑޮލަރު އަދި މި އަހަރުގެ ޖެނުއަރީގެ ނިޔަލަށް 59 މިލިއަން ޑޮލަރުގެ މުއާމަލާތްކޮށްފައިވެ އެވެ.

މި އަދަދުތަކުގެ ގާތްގަނޑަކަށް 3/2 ނުވަތަ 66 ޕަސެންޓް މުއާމަލާތްތަކަކީ އީކޮމާސް ވެބްސައިޓްތަކުގައި ކޮށްފައިވާ މުއާމަލާތްތައް ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބޭންކުގެ އޮފިޝަލް އިތުރަށް ވިދާޅުވީ އާންމު ބޭނުންތަކަށް ރާއްޖެއިން ބޭރަށް ކަސްޓަމަރުން ދަތުރުކުރައްވާއިރު އެއާލައިން ޓިކެޓަށާއި ހޮޓެލަށާއި އަދި ބޭސްފަރުވާއަށާއި އެހެނިހެން ބޭނުންތަކަށް އެކަށީގެންވާ މިންވަރަކަށް ޑޮލަރު ހަމަޖައްސައިދެވިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް އަމިއްލަ ބޭނުމަށް ދޫކޮށްފައިވާ ކާޑު ނުވަތަ އެކައުންޓް ވިޔަފާރީގެ އުސޫލުން ބޮޑެތި އަދަދުތަކުން މުއާމަލާތްކުރާ ހާލަތުގައި، ލިމިޓް ހަމަވެގެން މުއާމަލާތް ފުރިހަމަ ނުކުރެވި، ދަތިތަކާ ކުރިމަތި ވެދާނެ ކަމަށް ވެސް ބޭންކުގެ އޮފިޝަލް ވިދާޅުވި އެވެ.

ބީއެމްއެލް އިން ވަނީ މިމަހުގެ 1 އިން ފެށިގެން ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތްކުރުމަށް ދޭ ލިމިޓްތައް އިތުރުކޮށްފަ އެވެ. އަދި މިދިޔަ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން ބޭންކުން އަންނަނީ ޑެބިޓް ކާޑު މެދުވެރިކޮށް ބޭސްފަރުވާގެ ބޭނުމަށާއި ދަތުރުފަތުރުގެ ބޭނުމަށް ރާއްޖެއިން ބޭރުގެ މުއާމާލާތްތައް ކުރުމަށް މަހަކު 3,000 ޑޮލަރާ ހަމަޔަށް ލިމިޓް ދެމުންނެވެ. އަދި ޑެބިޓް ކާޑުން ރާއްޖޭން ބޭރުގައި ކާޑު މެޝިނުން ކުރާ މުއާމަލާތްތަކަށް މަހަކު 1,000 ޑޮލަރުގެ ލިމިޓެއް ދީފައިވެ އެވެ.