މިދިޔަ މަހު ބޭއްވުނު ކާމިޔާބު މުބާރާތަށްފަހު، 2027 ވަނަ އަހަރުގެ މެންޗެސްޓާ ސިޓީ އަބޫދާބީ ކަޕް ބާއްވާނެ ތާރީހުތައް އިއުލާންކޮށްފި އެވެ.
މުބާރާތް ބާއްވާނެ ތާރީހުތައް އިއުލާނުކުރި އިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލާފަ އެވެ. މި ސަރަޙައްދުގެ އެންމެ މަގްބޫލު އެއް ފުޓްބޯޅަ މުބާރާތުގެ އަށްވަނަ އެޑިޝަން ކުރިއަށް ދާނީ 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 8 އިން 10 އަށެވެ.
މި އަހަރު ބޭއްވުނު މުބާރާތް ތިން ދުވަހުގެ މުއްދަތަށް ފުޅާކުރުމަށްފަހު ލިބުނު ބޮޑު ތަރުހީބާއެކު، 2027 ވަނަ އަހަރުގެ މުބާރާތް ވެސް ކުރިއަށް ދާނީ ތިން ދުވަހުގެ ފޯމެޓަށެވެ.
ޒައިދު ސްޕޯޓްސް ސިޓީގައި ބޭއްވި މިދިޔަ މުބާރާތުގައި 8,000 އަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން 3,500 އަށް ވުރެ ގިނަ ކުޅުންތެރިން ވަނީ ބައިވެރިވެފަ އެވެ.
މި އަހަރުގެ މުބާރާތުގައި 8 އަހަރުން ދަށުން ފެށިގެން 16 އަހަރުން ދަށުގެ އުމުރުފުރާތަކުން ޖުމްލަ 244 ޓީމު ވާދަކުރި އެވެ. މީގެ ތެރޭގައި 18 ޤައުމަކުން ބައިވެރިވި ބައިނަލްއަގުވާމީ 86 ޓީމު ހިމެނޭއިރު، އަންހެން ކުދިންގެ 44 ޓީމު ބައިވެރިވެ ރެކޯޑް އަދަދަކަށް އަންހެން ކުޅުންތެރިން ފެނިފައިވެ އެވެ.
ދަނޑުމަތީގެ ކުޅިވަރުގެ އިތުރުން، "ސިޓީ ވިލެޖް" މެދުވެރިކޮށް ކުޅުންތެރިންނާއި ބެލުންތެރިންނަށް ތަފާތު މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް ވަނީ ފޯރުކޮށްދީފަ އެވެ. މީގެ ތެރޭގައި އީއެންޑް ގޭމިން ޒޯނާއި، ޕޫމާ ޕޮޕް- އަޕް އަދި އަލްދާރުގެ ފަހިދު އައިލެންޑް ޝޯކޭސް ހިމެނެ އެވެ. މީގެ އިތުރުން މެންޗެސްޓާ ސިޓީގެ ލެޖެންޑް ނެޑުމް އޮނުއޯހާ ފަދަ ހާއްސަ މެހެމާނުން ވެސް މި ހަރަކާތްތަކުގައި ބައިވެރިވި އެވެ.
މި މުބާރާތުގެ އެކި އުމުރުފުރާތަކުން މޮޅުވާ ޓީމުތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ޓީމަކަށް، ސިޓީ ފުޓްބޯލް ގްރޫޕްގެ ކްލަބަކަށް ޒިޔާރަތްކޮށް، އެ ކްލަބުގެ ފުރަތަމަ ޓީމުގެ ފަރިތަކުރުންތައް ބަލާލުމުގެ ފުރުސަތު ލިބޭނެ އެވެ.
މުބާރާތުގެ ޑައިރެކްޓަ ސައިމަން ހެވިޓް ވިދާޅުވީ 2026 ވަނަ އަހަރުގެ މުބާރާތަކީ ވަރަށް ކާމިޔާބު މުބާރާތެއް ކަމަށާއި، 2027 ވަނަ އަހަރުގެ މުބާރާތަށް މިހާރުވެސް ގިނަ ޓީމުތަކަކުން ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު މި ފަށަނީ 2027 ވަނަ އަހަރުގެ މުބާރާތަށް ތައްޔާރުވުމުގެ މަސައްކަތް. ދުނިޔޭގެ އެކި ކަންކޮޅުތަކުން ބޮޑު ތަރުޙީބެއް ލިބޭނެ ކަމަށް އުންމީދުކުރަން،" ހެވިޓް ވިދާޅުވި އެވެ.
ނުރައްކާތެރި މިންވަރަށް ވައި ނުސާފުވެ ރެޑް އެލާޓުގައި!
ފުލުހުންގެ އިދާރާ ހިންގުން ފަރުހާދުއާ ހަވާލުކޮށްފި
ރޭލެއްގެ ތެރޭ ގުރުއާން ކިޔެވި މީހެއްގެ ގައިގައި ތަޅާ އަނިޔާކޮށްފި