މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މުހިންމު މަސައްކަތެއް ޗައިނާގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ރާއްޖޭގައި ގިނަ މަޝްރޫއުތަކެއް ހިންގާފައިވާ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އާ އެވެ.

ރާއްޖޭގެ މައި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. ރައީސް މުހައްމަދު މުއިއްޒު މިއަދު އިއްވެވި، ރިޔާސީ ބަޔާނުގައި ވެސް ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންގޮސް، 2027 ވަނަ އަހަރު ތިލަފުއްޓަށް ބަނދަރު ބަދަލުކުރެވޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

އެމްޕީއެލް އިން ވަނީ މިއަދު ތިލަފުށީގައި ތަރައްގީކުރުމަށް ރާވާފައިވާ ބަނދަރުގެ ފޭސް-1ގެ ޑިޒައިން އާއި ސާވޭގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ސީއެޗްއީސީއާ ހަވާލުކޮށްފަ އެވެ. އަދި މި އެއްބަސްވުމުގެ ދަށުން، ސީއެޗްއީސީން މި މަސައްކަތް ފަސް މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ފުރިހަމަކުރުމަށްފަހު، ދެ ފަރާތުން އެއްބަސްވެވޭ އަގެއްގެ މައްޗަށް، މި ޕްރޮޖެކްޓްގެ ކޮންސްޓްރަކްޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކްޓިވް އޮފިސަރު މުހައްމަދު ރިޝްވާނެވެ. ސީއެޗްއީސީގެ ފަރާތުން ސޮއިކުރެއްވީ ކަންޓްރީ މެނޭޖަރު މާއޯ ބާއޯ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ރިޝްވާން ވިދާޅުވީ މިއަދަކީ އެ ކުންފުނީގެ ތާރީހުގައި މުހިންމު ދުވަހެއް ކަމަށެވެ. އަދި ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމަކީ ދިވެހިރާއްޖޭގެ ވިޔަފާރީގެ ސިނާއަތާއި، އާންމު ރައްޔިތުންގެ ހައްގުގައި ވެސް ކޮންމެހެން ވެސް ކުރަންޖެހޭ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.