ކޮންމެ އަހަރަކު ވެސް ދިރާގުން ކުރިއަށްގެންދާ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކާމިޔާބުކަމާއެކު މެދުކެނޑުމެއްނެތި 16 އަހަރު ކުރިއަށް ގެންގޮސް، މި ޕްރޮގްރާމްގެ 2025ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.
މި ގޮތުން، 2025 ވަނަ އަހަރު މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމި 15 އެޕްރެންޓިސްއަކަށް މި ރަސްމިއްޔާތުގައިވަނީ ސެޓްފިކެޓް ހަވާލުކޮށްފަ އެވެ.
މި ރަސްމިއްޔާތުގައި ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފައިވަނީ ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދުއެވެ. އަދި، މި ރަސްމިއްޔާތުގައި ދިރާގުގެ ބޯޑް އަދި މަނޭޖްމަންޓްގެ ބޭފުޅުންގެ އިތުރުން ތައުލީމީ މުއައްސަސާތަކުގެ އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ ޒުވާނުންގެ ވަޒީފާއަދާކުރުމުގެ ހުނަރު ތަރައްގީކުރުމަށް ދޭ އިސްކަމުގެ ދަށުން އެ ކުންފުނިން ހިންގާ އެންމެ މުހިންމު އެއް ސީއެސްއާރު ޕްރޮގްރާމެވެ. އަދި، މިއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތައާރަފްކުރި މި ފަދަ ފުރަތަމަ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ވެސް މެއެވެ. 2009 ވަނަ އަހަރުން ފެށިގެން ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ވިދިވިދިގެން ކޮންމެ އަހަރަކު ހިންގަމުން އަންނައިރު، މިއަދުގެ ނިޔަލަށް ޖުމްލަ 312 ޒުވާނުން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެފަ އެވެ.
މި ރަސްމިއްޔާތުގައި އެ ކުންފުނިން ވަނީ 25 ބައިވެރިންނާއެކު ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ 17 ވަނަ ބެޗަށް ވެސް މަރުހަބާ ކިޔައިފަ އެވެ. ސްޓްރަކްޗާޑް ޓްރެއިނިން ޕްރޮގްރާމަކާއި ސޮފްޓް ސްކިލްސް ޑިވެލޮޕްމަންޓް ޓްރެއިނިންގެ އިތުރުން ދިރާގުގެ މައިގަނޑު ގިނަ ވިޔަފާރީގެ ދާއިރާތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާ މި ޕްރޮގްރާމުގެ ސަބަބުން އެޕްރެންޓިސުންނަށް ކާމިޔާބު ކެރިއަރަކަށް ދިއުމަށް މަގުފަހިވެގެން ދެ އެވެ. އަދި އެޕްރެންޓިސުންނަށް މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ދިރާގު ރީޖަނަލް އޮޕަރޭޝަންސް ސެންޓަރުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖަލްސާގެ ޝަރަފުވެރި މިނިސްޓަރު ހައިދަރު ފާހަގަކުރެއްވި ގޮތުގައި، މަސައްކަތްތެރިކަމާ ގުޅޭގޮތުން ތަމްރީނު ދިނުމުގައި ވާތުވެދިޔަ 17 އަހަރު ދުވަހުގެ ތެރޭގައި ދިރާގުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުން ވަނީ ނަމޫނާ ދައްކައިފަ އެވެ. އަދި، ދިވެހި ޒުވާނުންގެ ހުނަރުވެރިކަމާއި ފަންނުވެރިކަން ތަރައްގީކޮށް ކުރިއެރުވުމަށް ދިރާގުން ގެންގުޅޭ ބަދަލެއްނުވާ ސިޔާސަތުތަކާއި އިސްތިރާޖްތަކުން ހުނަރުވެރި މަސައްކަތްތެރިންތަކެއް ވަޒީފާގެ ބާޒާރަށް ނެރެދިނުމަށް ކެނޑިނޭޅި ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރައްވައި ވަނީ ޝުކުރުއަދާކުރައްވައިފަ އެވެ.
ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، އިސްމާއިލް ރަޝީދު ވަނީ 2025ވަނަ އަހަރުގެ ދަސްވެނިންނަށާއި މި އަހަރު އަލަށް ބައިވެރިވި އެޕްރެންޓިސުންނަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި، ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ އެންމެ ބޮޑު މަގުސަދަކީ ދިވެހި ޒުވާނުންނަށް މަސައްކަތުގެ މާހައުލުގެ ތަޖުރިބާއާއި ހުނަރު އަދި މަސައްކަތުގެ އަހުލާގު ދަސްކޮށްދިނުން ކަމަށް ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން، މި ޕްރޮގްރާމުން ލިބޭ ތަޖުރިބާތަކާއި ދަސްވާ ކަންކަމުގެ ބޭނުން ރަނގަޅުގޮތުގައި ހިފައި، އެ ކަމުގެ ސަބަބުން ކެރިއާ އިތުރަށް ތަރައްގީވެ، އިތުރު ކާމިޔާބީތައް ހާސިލުކުރާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ.
ދިރާގުން އަންނަނީ ދިރާގު އެޕްރެނެޓިސްޝިޕް ޕްރޮގްރާމް މެދުވެރިކޮށް ޒުވާނުންގެ ހުނަރު ތަރައްގީ ކުރުމަށްޓަކައި ހަރުދަނާ ތަމްރީނުތައް ގާބިލް މެނޭޖްމަންޓް ޓީމެއްގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދަމުންނެވެ. ދިރާގުގެ އަމާޒަކީ ކުރިއަށް އޮތް މުސްތަގްބަލުގައި ވެސް ރާއްޖޭގެ ޒުވާނުން ކުރިއެރުވުމަށް މިފަދަ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމެވެ.
އަސްކަރީ މަނަވަރުތައް އީރާނު ވަށާލައިގެން ބިރެއް ނުދެއްކޭނެ
އުރްފީގެ ނަން ވެސް އެންމެ ފަހުން ބަދަލު ކުރީތަ؟
