އޭޕްރީލް ހަތަރު ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލު އިންތިޚާބާއެކު ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮލުމަށް އާންމުންގެ ފެންނަ ނުފެންނަ ވޯޓު ނަގާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަދި، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.
ފަލާހު މިފަދައިން ވިދާޅުވި އިރު، މިދިއަ ޖެނުއަރީ މަހުގެ 28 ގައި އެންމެ ބޮޑު ދެ އިންތިހާބު އެކުގައި ބާއްވަން އިސްލާހު ހުށަހަޅުއްވީ ވެސް ފަލާހު އެވެ.
ޕީއެންސީގެ މެދު ހެންވޭރު ދާއިރާގެ ކެމްޕެއިނު އޮފީސް ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، އަންނަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާއަށް ފަހުގައި، ގާނޫނު އަސާސީއަށް ގެންނަ ބޭނުންވާ އިސްލާހު ގެނެވި، އެ ބަދަލު ތަސްދީގު ކުރުމަށް ރައީސް މުހައްމަދު މުއިއްޒަށް ފޮނުވޭނެ ކަމަށެވެ.
އެގޮތުން، މިހާރު ހިނގަމުންދާ ދައުރުން ހަ މަސް ދުވަސް އުނިކޮށް، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވޭނެ ނިޒާމަކަށް ތައްޔާރު ވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބު އޭޕްރީލް ހަތަރެއްގައި އޮންނައިރު، ހަމަ އެދުވަހު ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލާ އިސްލާހު ގެނައުމަށް ރައްޔިތުންގެ ވޯޓު ނެގިއްޖެނަމަ، ދައުލަތުގެ ބަޖެޓުން 80 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ފަލާހު ގަބޫލުކުރައްވަ އެވެ.
އެހެން ދުވަހެއްގައި އެ ކަން ކުރަން ޖެހިއްޖެނަމަ، ދައުލަތުގެ ބަޖެޓުން އިތުރަށް 80 މިލިއަން ރުފިޔާ ހަރަދުކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ވެރިކަންކުރާ ޕީއެންސީގެ އާ ޖަގަހަ ހުޅުވުމަށް ޖުލައި 7، 2024ގައި ބޭއްވި ޖަލްސާގައި، ސަރުކާރުގެ ހަރަދު ކުޑަކުރުމަށް ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އެއްކޮށްލަން، ގާނޫނުއަސާސީ އިސްލާހު ކުރުމަށް ހުށަހަޅުއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ. އެ ދެ އިންތިހާބު އެއްކޮށް ބޭއްވުމުން ރައްޔިތުންގެ ފައިސާއިން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭ ކަމަށް ރައީސް އޭރު ވިދާޅުވިއެވެ. އަދި، އެ ރުފިޔާއިން ނިކަމެތި އެތައް އާއިލާއެއްގެ ކަންތައް ސަރުކާރަށް ނިންމައިދެވޭނެކަން ރައީސް ވަނީ ފާހަގަކުރައްވައިފަ އެވެ.
އިދިކޮޅު ބޭފުޅުންގެ ތެރެއިން މި އިސްލާހަށް ތާއީދުކުރައްވާކަން ހާމަކުރެއްވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކަންޏެވެ. މި އިސްލާހާ ދެކޮޅުކަން އެމްޑީޕީގެ މެންބަރުން މަޖިލީހުގައި ހާމަކުރެއްވިއިރު، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލާއި ކުރީގެ ރައީސް ޢަބްދުالله ޔާމީން ވަނީ އެކަމާ ދެކޮޅުކަން ހާމަކުރައްވާފަ އެވެ.
އިންޑިއާގެ ބަޖެޓުން ރާއްޖެއަށް އެހީގެ ގޮތުގައި 60 މިލިއަން ޑޮލަރު
ސަލްމާންގެ "ތޭރޭ ނާމް" އަލުން ސިނަމާތަކަށް!
އަލިފާނުގެ ހާދިސާއާ ގުޅިގެން 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން