ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން މައި ސަރުކާރަށް ނެގޭ ގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ. މި އިސްލާހަކީ ސަރުކާރުން ބޭނުންވާ ބައެއް ތަރައްގީގެ މަޝްރޫއުތަކަށް ބިން ދޫކުރުމަށް ކައުންސިލްތަކުން އުޒުރުވެރިވަމުންދާ ދަނޑިވަޅެއްގައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ބިލެކެވެ.
މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު އެވެ. އޭނާއަކީ މިނިވަން މެންބަރެއްގެ ގޮތުގައި ހުންނެވި ނަމަވެސް، މަޖިލީހުގެ މަސައްކަތްތައް ކުރައްވަނީ ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސްއާ ގުޅިގެންނެވެ.
ހުށަހެޅިފައިވާ ބިލުގައި ލާމަރުކަޒީ ގާނޫނަށް ހަތަރު އަކުރެއް އިތުރުކުރުމަށް ވަނީ ހިމަނާފަ އެވެ. އެގޮތުން، މަޝްރޫއުތައް ހިންގުމަށްޓަކައި ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމެއް ނުވަތަ ތަނެއް ވަކިކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމުމަށްފަހު، އެކަން ކަމާބެހޭ ގައުމީ އިދާރާއިން އެންގުމުން އެ ބިމެއް ނުވަތަ ތަނެއް ކައުންސިލްގެ މިލްކިއްޔާތުން ވަކިވެ، ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބިމާއި ތަންތަން ކަމުގައި ވެގެންދާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
މީގެ އިތުރުން، ރަށްރަށުގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކުރުމުގެ ކުރިން ވެސް ސަރުކާރުން ތަރައްގީގެ މަޝްރޫއެއް ހިންގުމަށް ބިމެއް ހޯދަން އެދޭ ހާލަތްތަކުގައި، އެ ބިން ސަރުކާރާ ހަވާލުކުރަން ޖެހޭނެ ކަމަށް ވެސް ބިލުގައި ވަނީ ކަނޑައަޅާފަ އެވެ. މިއީ ސަރުކާރުން ކުރިއަށްގެންދަން ބޭނުންވާ މަޝްރޫއުތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމުގެ ގޮތުން ގެނެވޭ ބަދަލެއް ކަމަށް ބެލެވެ އެވެ.
ބިލުގައި ހިމެނޭ އަނެއް މުހިންމު ބަދަލަކީ ކައުންސިލް މެންބަރުންގެ ސުލޫކީ މިންގަނޑު ބަޔާންކުރާ މާއްދާއަށް ގެންނަ އިސްލާހެވެ. އެގޮތުން، ކައުންސިލްތަކުން ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދޭންޖެހޭނެ ކަމަށް ބުނާ އަކުރަކާއި، ސަރުކާރުގެ މަޝްރޫއުތަކަށް މަގުބޫލު ސަބަބެއް ނެތި ހުރަސްއެޅޭ ގޮތަށް އަމަލުކޮށްގެން ނުވާނެ ކަމަށް ބަޔާންކުރާ އަކުރެއް ގާނޫނަށް އިތުރުކުރަން ވަނީ ހުށަހަޅާފަ އެވެ. އަދި އެފަދަ މަޝްރޫއުތައް ހުއްޓުވުމަށް އެއްވެސް ނިންމުމެއް ކައުންސިލްތަކުން ނިންމައިގެން ނުވާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.
މިފަދަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައި މިވަނީ، ސަރުކާރުން ބޭނުންވާ ބިންތައް ދޫކުރުމަށް ބައެއް ކައުންސިލްތަކުން ދެކޮޅު ހަދަމުންދާ ދަނޑިވަޅެއްގެ ތެރޭގަ އެވެ. މިސާލެއްގެ ގޮތުން، ސ، މަރަދޫފޭދޫގައި 2،900 އަކަފޫޓުގެ އިމާރާތެއް އެޅުމަށް 9,000 އަކަފޫޓުގެ ބިމެއް އައްޑޫ ސިޓީ ކައުންސިލުން ދީފައި ވަނިކޮށް، އެ ބިމުގެ ޖާގަ 11,000 އަކަފޫޓަށް ބަދަލުކޮށްދިނުމަށް އެދުމުން އައްޑޫ ސިޓީ ކައުންސިލުން ވަނީ އެކަމަށް ދެކޮޅު ހަދާފަ އެވެ.
ހަމައެހެންމެ، ގޫގުލް އިން އައްޑޫ ސިޓީ ހިތަދޫގައި ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވޯކް ފެސިލިޓީއެއް ގާއިމުކުރަން ހިންގާ މަޝްރޫއަށް ބޭނުންވާ ބިން ވެސް، ކުލި ނުލިބޭ ގޮތަށް ދޫނުކުރާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ. މިފަދަ ހިޔާލުތަފާތުވުންތަކުގެ ސަބަބުން ސަރުކާރުގެ ބައެއް މަޝްރޫއުތަކަށް ހުރަސްއެޅޭތީ، މި ބިލަކީ އެފަދަ ހުރަސްތައް ނައްތާލުމަށް ހުށަހެޅި ބިލެއް ކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ކައުންސިލްތަކުގެ ބާރުތައް ކަނޑުވާލައި، މައި ސަރުކާރުގެ ދަށަށް ކަންކަން މަރުކަޒު ކުރަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ. މި ބަދަލުތަކަށް މަގުފަހިކުރުމުގެ ގޮތުން ފާއިތުވި ދެ އަހަރުގެ ތެރޭގައި ލާމަރުކަޒީ ގާނޫނަށް ގިނަ ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކުރެވެ އެވެ.
ދިރާގު މާލެ އޯޕަން 2026 – ރަޖިސްޓާކުރުމުގެ މުއްދަތު އިތުރުކޮށްފި
އެލްޖީއޭގެ ބޯޑަށް ކައުންސިލަރުން އިންތިހާބުކުރުން ފަސްކޮށްފި
މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސް
