އިސްލާމްއާބާދު (އޭޕްރިލް 25) - ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން އެއްފަރާތް ކުރުމަށްފަހު ޕާކިސްތާނުން އިންޑިއާއަށް ބޮޑު އެހީއެއް ހުށައަޅައިފި އެވެ.
މި އެހީއަކީ އިންޑިއާ ގައި ކޮވިޑްގެ ހާލަތު ވަރަށް ގޯސްވެފައި އޮތް ހާލަތެއްގައި ސިއްހީ އެހީތެރިކަމަށް އެ ގައުމު ބޭނުންވެފައި އޮތް ދަނޑިވަޅެއްގައި ޕާކިސްތާނުން ދިން އެހީ އެކެވެ.
ޕާކިސްތާނުގެ ފޮރިން އެފެއާޒް މިނިސްޓްރީން ބުނިގޮތުގައި މި އެހީއަކީ މި ދަނޑިވަޅުގައި އިންޑިއާ އާއެކު ޕާކިސްތާން ވާކަން އަންގައި ދިނުމުގެ ގޮތުން ދިން އެހީއެކެވެ. މި އެހީގެ ތެރޭގައި ވެންޓިލޭޓަރާއި އޮކްސިޖަން މާސްކްތަކާއި ޑިޖިޓަލް އެކްސްރޭ މެޝިންގެ އިތުރުން މި ހާލަތުގައި ބޭނުން ޖެހިދާނެ އިތުރު އާލާތްތައް ހިމެނެ އެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވާގޮތުން ދެ ގައުމުގެ އިދާރާތައް ގުޅިގެން އެހީގެ ތަކެތި ވީހާ ވެސް އަވަހަށް އިންޑިއާ އަށް ފޯރުކޮށް ދިނުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ކޮވިޑްގެ ހާލަތުން އަރައިގަތުމަށް ދެ ގައުމުގެ މެދުގައި އެއްބާރުލުން ދެވޭނެ ގޮތްތަކާއިމެދު މަޝްވަރާ ކުރެވެމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
މި އެހީއަކީ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އިންޑިއާގައި ތިބި ކޮވިޑް ބަލި މީހުންނަށް އަވަސް ޝިފާއަކަށް އެދި ޓްވީޓް ކުރެއްވި ފަހުން ޕާކިސްތާނުން ދިން އެހީއެކެވެ.
ފޮރިން މިނިސްޓަރު ޝާހް މަހުމޫދު ގުރައިޝީ ވިދާޅުވީ ޕާކިސްތާނުގެ މި އެހީއަކީ އިންސާނިއްޔަތުކަން އިސްކޮށް ހުށަހެޅި އެހީއެއް ކަމަށާއި އިންޑިއާގެ ޖަވާބަކަށް އިންތިޒާރު ކުރަމުން އަންނަ ކަމަށެވެ.
މިއީ ޒަމާނުއްސުރެ ހަތުރުންގެ ގޮތުގައި މަޝްހޫރުވެފައިވާ އިންޑިއާ އާއި ޕާކިސްތާނުގެ ސުލްހައިގެ މަޝްވަރާތަކަށް ލިބުނު ބޮޑު ބާރެކެވެ.
ވަރަށް ރަނގަޅު. އިންޑިއާގައި ވެސް އުޅެނީ އިންސާނުން. އިންސާނިއްޔަތުކަން ކުރިއަށް ނެރެ ޕާކިސްތާނުން ދިން އެހީ ހެޔޮހިތުން އިންޑިއާއިން ބަލަގަންނާނެ ކަމަށް އުއްމީދުކުރަން. އިންޑިއާއި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޯވިޑްގެ ބަލިމަޑުކަމުން ނަޖާކުރެއްވުން އެދި އަރަހުށި ހުސްތާހިރުވަންތަ ރަސްކަލާނގެ ހަޒުރަތުގައި ދުޢާ ދަނަވަން...