އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަކީ ނުބައި ނުލަފާ ވެރިއެއް ކަމަށާއި އޭނާގެ ނިމުން ފިރުއައުނާއި ނަމުރޫދުގެ ނިމުމަށް ވުރެ ވެސް ހިތިވާނެ ކަމަށް އީރާނުނެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.

މިހާރު އީރާނުގައި ހިނގަމުންދާ އިގްތިސޯދީ ހަމަނުޖެހުންތަކާ ގުޅިގެން، އެ ގައުމުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށާއި އެމެރިކާ ސަރުކާރަށް މިހެން އިންޒާރެއް ދެއްވިއިރު، އީރާނުގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކުގެ އަސްލަކީ އެމެރިކާގެ ރައީސް ޓްރަމްޕް ކަމަށް އީރާނުން ދަނީ ތުހުމަތު ކުރަމުންނެވެ.

ދައުލަތުގެ މީޑިއާއިން ބްރޯޑްކާސްޓްކުރި ހިތޯބެއްގައި ހާމަނާއީ ތުހުމަތުކުރެއްވި ގޮތުގައި، އީރާނުގައި މިހާރު ހިނގަމުންދާ މުޒާހަރާތަކަކީ ވޮޝިންޓަނުން އަޑީގައި އޮވެގެން ރާވައިގެން ހިންގާ ކަންތައްތަކެކެވެ. އަދި ބޮޑާކަމާއި ކިބުރުވެރިކަމާއެކު ވެރިކަންކުރާ ލީޑަރުންނަށް އޮތީ ނެތިދިއުން ކަމަށް ވިދާޅުވެ، ޓްރަމްޕްގެ ވެރިކަން ވެސް ވެއްޓޭނެކަމުގެ އިންޒާރު އޭނާ ދެއްވި އެވެ.

ޚާމަނާއީގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓުތަކެއްގައި، ތާރީހުގައި ފާހަގަކޮށްލެވޭ ފިރުއައުނާއި، ނަމްރޫދު އަދި އީރާނުގެ ކުރީގެ ރަސްގެފާނު މުހައްމަދު ރިޒާ ޕަހްލަވީ ފަދަ އަނިޔާވެރި ވެރިންގެ މިސާލު ދެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ހުރިހާ ވެރިންނަކީ ވެސް އެ މީހުންގެ ބާރުގެ އެންމެ ކުރީގައި ތިއްބަވައި، ބޮޑާކަމުގެ އިންތިހާއަށް ދިޔަ ވަގުތު ބޭރުކޮށްލެވުނު މީހުންނެވެ.

"މުޅި ދުނިޔެއާ މެދު ބޮޑާކަމާއެކު ގޮތް ނިންމަވާ އެމެރިކާގެ ރައީސް ދަންނަން ޖެހޭނެ، އޭނާވެސް ވެއްޓޭނެކަން،" ޚާމަނާއީ ލިޔުއްވާފައިވެ އެވެ.

މި މުޒާހަރާތައް ފެށުނީ އީރާނުގެ ފައިސާގެ އަގު އިންތިހާއަށް ވެއްޓި، އިގްސޯދީ ގޮތުން ރައްޔިތުންނަށް ކުރިމަތިވި ދަތިތަކާ ގުޅިގެންނެވެ. ނަމަވެސް ޚާމަނާއީ ވިދާޅުވީ ބައެއް މުޒާހަރާކުރާ މީހުން އުޅެނީ ގައުމުގެ ހަމަޖެހުން ނަގާލައި، އެމެރިކާގެ ރުހުން ހޯދަން ކަމަށެވެ. މުޒާހަރާގެ ތެރޭގައި ތަންތަނަށް ގެއްލުންދީ ހުޅުޖަހާ ހެދުމަކީ "ބޭރުގެ އޭޖެންޓުން" ކުރާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

މީގެ އިތުރުން، ޓްރަމްޕް އީރާނުގެ ރައްޔިތުންނަށް ސަޕޯޓުކުރާކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ޚާމަނާއީ ވިދާޅުވީ، ޓްރަމްޕަށް އެވަރުގެ ކުޅަދާނަކަމެއް ހުރިނަމަ އަމިއްލަ ގައުމުގައި ހިނގާ މައްސަލަތައް ހައްލުކުރެއްވުމަށެވެ. އަދި އީރާނުގެ ރައްޔިތުންނަކީ ބޭރުގެ ނުފޫޒަށް ތަބާވާނެ ބައެއް ނޫން ކަމަށާއި، ބޭރު ގައުމުތަކުގެ ބޭނުމަށް ގައުމު ހަލާކުކުރާ މީހުންނަކީ ގައުމުން ބޭރުކޮށްލެވިފައިވާ ބައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.