ރާއްޖޭގެ ސިޔާސަތު ވާންވާނީ ގިނަ ބަޔަކާ ނުޖެހި، އަވައްޓެރިންނާ ގުޅިގެން އުޅެވޭ ސިޔާސަތަކަށް ކަމަށާއި އެކަން ކުރުމަށް ހާރިޖީ ދާއިރާއަށް އައްޔަން ކުރެވޭނީ އެ ދާއިރާއިން ތައުލީމު ހާސިލް ކޮށްފައި ތިބި މީހުން ކަމަށް ކަނޑައެޅުން މުހިންމު ކަމަށް, އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

އަވަށްޓެރި ސްރީލަންކާއަށް ދިގު މުއްދަތަކަށް ދަތުރުކުރާ ދިވެހީންނަށް ވިސާ ލިބުން ދަތިވެ، އެތައް އިރަކު މަޑުކުރަން ޖެހޭތީ, އެ ގައުމަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު މަސްއޫދު އިމާދު އިއްޔެ ވަނީ ނުރުހުން ފާޅުކުރައްވާފަ އެވެ. ލަންކާ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި މަސްއޫދު ވިދާޅުވީ ދިވެހީންނާ މެދު ދޮންމަންމަ އެއް ކަންކުރާ އުސޫލުން ލަންކާއިން ކަން ކުރާ ކަމަށެވެ.

ދިވެހީންނަށް އެ ދަތިތައް ތަކުރާރުކުރުވާނަމަ ރާއްޖޭގައި ތިބި ލަންކާ ރައްޔިތުންނާ މެދު އަމަލުކުރާ ގޮތް ހަރުކަށި ކުރާނެ ކަމުގެ އިންޒާރު ވެސް މަސްއޫދު ދެއްވި އެވެ. މި ބަސްމަގުގެ ސަބަބުން އެތައް ބައެއްގެ ފާޑުކިޔުން ވަނީ އޭނާއަށާއި ސަރުކާރަށް އަމާޒުވެފައެވެ. އަދި މިއީ ގައުމެއްގެ ހާރިޖީ ސިޔާސަތު އޮންނަން ވާނެ ގޮތް ނޫން ކަމަށް ވެސް އެތައް ބަޔަކު އަންނަނީ ބުނަމުންނެވެ.

އިންޑިއާ އައުޓްގެ ކަންތައްގަނޑާއި އޭގެ ފަހުން މި ސަރުކާރުގައި ހިނގި ކަންކަމާ ގުޅިގެން އިންޑިއާ އާއި ރާއްޖޭގެ ޒަމާންވީ ގުޅުން ވަރަށް ބޮޑަށް ގޯސްވިއެވެ. އޭގެ ފަހުން އަނެއްކާ ލަންކާއާ އޮތް ގުޅުން ގޯސް ވެދާނެތީ ވެސް މީހުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މި ވާހަތަކާ ގުޅިގެން އެކްސް ގައި ފައްޔާޒް ވިދާޅުވީ، ރާއްްޖޭގެ ފުރަތަމަ ދިފާއުއަށް ވާން ޖެހޭނީ ޚާރިޖީ ސިޔާސަތު ކަމަށެވެ. އެގޮތުން، މި ގައުމުގެ މިނިވަންކަން ދެމެހެއްޓުމުގެ ފުރަތަމަ ދިފާއީ ރޮނގަކީ ފޮރިން ސާވިސް ކަމަށާއި އެ ސާވިސްގެ ގާބިލުކަމާއި ހުށިޔާރުކަން ހުންނަން ވާނެކަން ފައްޔާޒް ފާހަގަކުރެއްވި އެވެ.

އެއީ، ވީހާ ގިނަ ބަޔަކާ ނުޖެހި، ޚާއްސަކޮށް އަވައްޓެރިންނާ ގުޅިގެން އުޅެވޭނެ ސިޔާސަތަކަށް ވާންވާނެ ކަމަށް ފައްޔާޒް ގަބޫލުކުރައްވަ އެވެ.

"ފޮރިން ސާވިސްއަށް އެ ދާއިރާގެ ފޯމަލް އެޑިއުކޭޝަނެއް ލިބިފައިވާ ފަރާތެއް ނޫނީ އައްޔަނު ނުކުރެވޭނެ ހެން ގާނޫނުގައި ކަނޑައެޅުން ރަނގަޅުވެދާނެކަމަށް ފެނޭ. އޭރުން ޒަމާންވީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ މިފަދަ ހާދިސާތައް ދިމާވުން މަދުވާނެ," ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒު އެފަދައިން ވިދާޅުވިއިރު، މި ސަރުކާރުގެ ހާރިޖީ ސިޔާސަތާ މެދު ގިނަ ބަޔަކު ދަނީ ސުވާލުއުފައްދަމުންނެވެ. އަދި އިދިކޮޅު ފަރާތްތަކުން ދަނީ ފާޑުވެސް ކިޔަމުންނެވެ.