ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު މިވަގުތު ބަންދުން ދޫކުރެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޝަމްއާން މިވަގުތު ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. ޝަމްއާން މަގާމުން ވަކިކޮށް، ހައްޔަރުކުރީ މިދިޔަ މާޗް މަހު އެވެ. އޭގެ ފަހުން މިހާތަނަށް ވެސް ޝަމްއާން ހުރީ ބަންދުގަ އެވެ.
ޝަމްއާން ބަންދު މުރާޖައާ ކުރަން އެދިފައިވިޔަސް، މިއަދު ބޭއްވި އަޑުއެހުމުގައި ކޯޓުން ނިންމީ މިވަގުތު ބަންދުން ދޫނުކުރެވޭނެ ކަމަށެވެ. އެކަމަކު، ހެކިބަސް ނެގުމުގެ މަރުހަލާ ނިމުމުން ޝަމްއާން ދޫކޮށްލަން އިއުތިރާޒެއް ނުކުރާނެ ކަމަށް ދައުލަތުން މިއަދުގެ އަޑުއެހުމުގައި ބުންޏެވެ.
އެ މައްސަލާގައި ޝަމްއާންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާގެ އިތުރުން ފޭރުމުގެ ދައުވާ ކުރާއިރު، އެ މައްސަލާގައި މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ. އަދި މީގެ ކުރިން ބައެއް ހެކިންގެ ހެކިބަސް ވަނީ ނަގައިފަ އެވެ.
އެ މައްސަލާގައި ޝަމްއާންގެ އިިތުރުން އިތުރު ބަޔަކަށް ވެސް ދައުވާކުރި އެވެ. އޭގެ ތެރެއިން އިމިގްރޭޝަންގެ އެއް މުވައްޒަފަކަށް ކުރި ދައުވާ އަށް އޭނާ އިއުތިރާފުވެ، ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމުގެ ދަށުން އެ މުވައްޒަފުގެ މައްސަލަ ކުރިން ވަނީ ނިންމައިފަ އެވެ.
އެ މުވައްޒަފަށް އިއްވި ދެ މަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމި އޭނާ މިހާރު ވަނީ މިނިވަންވެފަ އެވެ. ނަމަވެސް ދެން ތިބި މީހުންގެ ޝަރީއަތް އަދިވެސް ދަނީ ކުރިއަށެވެ.
ކުދީނާ ފަތުން ހަންގަނޑަށް ފައިދާތަކެއް!
ވެނެޒުއެލާއާ ދެކޮޅަށް އެޅި ފިޔަވަޅުން ތެލުގެ އަގު އުފުލިއްޖެ
ލޯ ކައިރި ކަޅުވުމަށް ހައްލެއް ބޭނުންތަ؟