އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ އެމްޑީޕީގެ ޕްރައިމަރީ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ބާއްވާނެކަން އެ ޕާޓީން އިއުލާންކޮށްފި އެވެ.

އެމްޑީޕީން މިއަދު ކުރި އިއުލާނުގައި ވަނީ ކައުންސިލް އިންތިހާބާ ގުޅިގެން އެ ޕާޓީން ކުރަންޖެހޭ މަސައްކަތްތަކުގެ ޓައިމްލައިން އާންމުކޮށްފަ އެވެ.

އެ ޓައިމްލައިންގައިވާގޮތުން އަލަށް އިތުރުކުރި ދާއިރާތަކަށް ކުރިމަތިލުމުގެ މުއްދަތު މިއަދުގެ 2:00އަށް ވަނީ ހަމަވެފަ އެވެ.

މި މަހުގެ 22 ވަނަ ދުވަހު ޕްރައިމަރީ ދާއިރާތަކަށް ކުރިމަތިލެއްވި ކެނޑިޑޭޓުންގެ ލިސްޓު އާންމުކޮށް އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ އެވެ. ޝަކުވާ ހުށަހަޅަން ލިބޭނީ 24 ގަޑިއިރު ކަމަށް އެ ޕާޓީން ބުންޏެވެ.

ޑިސެމްބަރު 23 ވަނަ ދުވަހު ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓް އާންމުކުރަން ވަނީ ނިންމާފަ އެވެ.

ވޯޓުލާ މީހުންގެ ދާއިމީ ލިސްޓް ޖެނުއަރީ އަށް ވަނަ ދުވަހު އާންމުކުރާނެ އެވެ. އަދި ވޯޓުލުން ކުރިއަށްދާނީ ޖެނުއަރީ 30 ވަނަ ދުވަހުގެ 2:30 އިން ރޭގަނޑު 8:00އަށެވެ.