ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމް މަގާމުގެ ހުވާކުރެއްވިއިރު ކުންފުންޏެއްގެ ވެރިއެއްގެ ގޮތުގައި ހުންނެވުމުން އަލުން އެމަނިކުފާނު ހުވާކުރެއްވުމަށް ލަފާދިނުމަށް މައްސަލަ ދިރާސާކުރެއްވި ކޮމިޓީން ނިންމަވައިފި އެވެ.

ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގެ ހުވާކުރެއްވިއިރު ކުންފުންނެއްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވިކަމަށާއި އެ މަގާމުން ވަކިވެވަޑައިގެންފައި ވަނީ މަގާމުގެ ހުވާކުރެއްވި ފަހުން ކަމަށް މަޖިލީހަށް އިކޮނޮމިކް މިނިސްޓްރީން ހިއްސާކުރައްވާފައިވާ މައުލޫމާތުން އެނގެން އޮތްކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ޑރ. މައުސޫމް މަގާމުގެ ހުވާކުރައްވާފައިވަނީ، ގާނޫނާ ޚިލާފަށް ކަމުގައި މަޖިލީހުގެ ތަޅުމުގައި، މެމްބަރުން ފާހަގަކުރެއްވުމާއި ގުޅިގެން އޭނާއަށް ރުހުން ދިނުމުގެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވައި ވަނީ އަންގާރަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގަ އެވެ.

އެ ދުވަހުގެ ޖަލްސާގައި ބައެއް މެންބަރުން ވަނީ ޑރ. މައުސޫމް މަގާމުގެ ހުވާ ކުރެއްވިއިރު ހުންނެވީ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ކަމަކަށާ، އެ މަގާމުން އިސްތިއުފާ ދެއްވާފައި ނުވާކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އަދި ޤާނޫނު އަސާސީގައި ބުނާގޮތުން ވަޒީރުކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ވަޒީރުކަމުގެ މަޤާމަށް އައްޔަނުކުރެވޭ ބޭފުޅުން އެފަދަ މަޤާމެއްގައި ހުންނެވި ނަމަ، އެ މަޤާމަކުން އިސްތިއުފާ ދެއްވަން ޖެހޭނެކަމަށްވެސް މެންބަރުން ވިދާޅުވެފައިވެއެވެ. ޑރ.މައުސޫމްގެ ހުވާކޮށްފައި ވަނީ ޤާނޫނު އަސާސީގައި ބުނެފައިވާ ޝަރުތުތައް ފުރިހަމަކޮށްގެންތޯ ކަށަވަރު ކުރަންޖެހޭނެ ކަމަށްވެސް މެންބަރުން ވިދާޅުވެފައިވެއެވެ.

ޑރ. މައުސޫމް މަގާމުގެ ހުވައިކުރެއްވުމާއި، އެމަނިކުފާނަށް މަގާމުގެ ފަތްކޮޅު ހަވާލު ކުރައްވާފައި ވަނީ މިމަހުގެ ހަވަނަ ދުވަހު އެވެ.