ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ތަމްސީލު ކުރައްވާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެންބަރުކަން ގެއްލުމުގެ ކުރިން އެ ދާއިރާގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަން ޕީއެންސީގެ ބައެއް މެންބަރުން ދެކޮޅުކަން ހާމަކުރައްވައިފި އެވެ.
މަޖިލީހުގެ މެންބަރަކު ތަމްސީލު ކުރައްވާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެންބަރަކު ކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރީ މިދިޔަ އަހަރުގެ ފަހުކޮޅެވެ.
ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަނީ ގާނޫނުއަސާސީއަށް އެފަދަ އިސްލާހެއް ހުށަހަޅާފަ އެވެ. އޭނާ އެ އިސްލާހު ހުށަހެޅުއްވީ މަޖިލީހުގެ މެމްބަރުކަމުން ވަކިކުރުމުގެ އިޖުރާއަތްތައް ކަނޑައެޅުމުގެ ބޭނުމުގަ އެވެ.
އިސްލާހުގައި ބުނެފައި ވަނީ މަޖިލީހުގެ މެންބަރަކު ތަމްސީލު ކުރައްވާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެންބަރަކަމުން ވަކިކުރެވޭނީ، އެ މެމްބަރަކު ތަމްސީލު ކުރައްވާ ދާއިރާގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގައި، އެ މެމްބަރަކު މެމްބަރުކަމުން ވަކިކުރުމަށް އަޣުލަބިއްޔަތު ލިބިގެން ކަމަށެވެ.
ޝުޖާއު މިއަދު ވިދާޅުވީ މި އިސްލާހަކީ ރައްޔިތުން ބާރުވެރިކޮށް ރައްޔިތުން ގޮތް ނިންމުމުގެ ފުރުސަތު ދޭން ގެންނަ ބަދަލެއް ކަމަށެވެ.
އިސްލާހަށް ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހާއި ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ އާއި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ތާއިދެއް ނުކުރައްވަ އެވެ. ފަލާހު ވިދާޅުވީ ޕާޓީއަކަށް ނިސްބަތްވާ މެންބަރަކު އެ ޕާޓީއަކުން ވަކިވުމުން އެ ހުރީ ގޮނޑި ގެއްލިފައި ކަމަށވެ. ދެންޖެހޭނީ ބައި އިލެކްޝަނެއް ބާއްވަން ކަމަށާއި އެ ބައިއިލެކްޝަންގައި ވާދަކުރުމުގެ ފުރުސަތު އެ މެންބަރަކަށް އޮންނާނެ ކަމަށް ފަލާހު ވިދާޅުވި އެވެ.
"އަޅުގަނޑު ހޮވި ޕާޓީން އެ ޕާޓީ އަށް އަޅުގަނޑުގެ ހިދުމަތް ކަމުނުދިޔައީމަ އެ ޕާޓީއަށް ބޭވަފާތެރިވެއްޖެ ކަމަށް ފެންނަ ހިނދެއްގައި އެ ޕާޓީން ވަކިކޮށްފި ނަމަ އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް. އަޅުގަނޑަށް އަޅުގަނޑުގެ އަމިއްލަ ނަފުސުގެ ޔަގީންކަން އޮތީ،" ފަލާހު ވިދާޅުވި އެވެ.
ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ދީދީ ވިދާޅުވީ އޭނާ ތާއީދުކުރައްވަނީ މިހާރު އޮތް ގޮތަށް، ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ބޭއްވުމަށް ކަމަށެވެ.
"އަޅުގަނޑު ތާއީދެއް ނުކުރަން. މިއީ ސަރުކާރު، ބާރަށު ދާއިރާގެ މެންބަރު [ޝުޖާއު] ހުށަހެޅުއްވިޔަސް އަޅުގަނޑު މިއަކަށް ތާއީދެއް ނުކުރަން. އަޅުގަނޑު ތާއީދުކުރާނީ މިހާރު މިއޮތް ގޮތަށް ބާއްވަން. ގޮނޑި ގެއްލިއްޖެއްޔާ ގެއްލެންޖެހިގެން ގެއްލޭނީ. ގެއްލުނީމަ ދާންވީ. އަނެއްކާވެސް ކުރިމަތިލައިގެން އިންތިހާބެއްގައި އަންނަންވީ. ރައްޔިތުންނަށް ލިބޭނެ ފުރުސަތު ވޯޓުލާން،" އިބްރާހިމް ދީދީ ވިދާޅުވި އެވެ.
ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވިދާޅުވީ، އިސްލާހާ އެކު އިންތިހާބުތައް ބާއްވަން ކުރަން ޖެހޭ ހަރަދުތައް އިތުރުވެގެންދާނެ ކަމަށެވެ. އެހެންވެ އެކަމަށް ތާއީދު ނުކުރާކަން އޭނާ ހާމަކުރެއްވި އެވެ.
ރޮނާލްޑޯ ޖާޒީ ބާލަން ބޭނުންވަނީ ހަނދުގައި ހުރެގެން: އެލޮން
ސައުދީ ވަލީއަހުދުގެ މަސައްކަތާ މެދު ފަޚުރުވެރިވަން: ޓްރަމްޕް
އައްޑޫ ހިތަދޫގެ ބައެއް ގެތަކަށް ފެން ލިބުމުގައި ދަތިތަކެއް!
