ބިޑަކާ ނުލައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ދެ ކުންފުންޏަކަށް ވެސް 228 މިލިއަން ރުފިޔާގެ މަޝްރޫއު މިއަދު ދީފި އެވެ.
ރައީސް މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތުގައި ސައުދުﷲ ގެ މިމްސް ކޮންސްޓްރަކްޝަން އަށް ދެ މަޝްރޫ އަދި ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް ފަސް މަޝްރޫއު މިއަދު ހަވާލުކުރި އެވެ.
މި މަޝްރޫއުތަކުގެ އަގުގެ ގޮތުގައި މިމްސް އަށް 71.6 މިލިއަން އަދި ސްވިފްޓް އަށް 157.3 މިލިއަން ރުފިޔާ ސަރުކާރުން ދޭނެ އެވެ.
މި މަޝްރޫއުތައް ހަވާލުކުރީ ކޮންޓެކްޓާ ފައިނޭންސްގެ އުސޫލުންނެވެ. މާނައަކީ މަޝްރޫއުތައް ނިންމުމުން ސަރުކާރުން ފައިސާ ދިނުމެވެ. މަޝްރޫއުތައް ހިންގަން ބޭނުންވާ ފައިސާ އެ ކުންފުނިތަކަށް ދެނީ ބީއެމްއެލްގެ ލޯނަކުންނެވެ. އެ ލޯނު ދެނީ ސަރުކާރުން ގެރެންޓީ ދީގެންނެވެ. އެހެންކަމުން އެ ކުންފުނިތަކުން ލޯނު ނުދައްކައިފިނަމަ ސަރުކާރުން ލޯނު ދައްކަންޖެހޭނެ އެވެ.
މި މަޝްރޫއުތައް ހަވާލުކުރަނީ އަސްލު އަގަށްވުރެ ބޮޑު ކޮށެވެ. މިއީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ފައިސާ ހޯދުމަށް ކުރާ ކަމެކެވެ.
މިމްސް ކޮންސްޓަރަކްޝަންއާ ހަވާލުކުރީ ގދ. މަޑަވެލީގައި 50 ހައުސިން ޔުނިޓާއި ވާދޫ ސިއްހީ މަރުކަޒު ތަރައްގީ ކުރުމަށެވެ.
ސްވިފްޓު އިންޖިނިއަރިންނާ ހަވާލުކުރި މަޝްރޫއުތައް
ގދ. ތިނަދޫގައި 50 ހައުސިން ޔުނިޓު - 64.79 މިލިއަން ރުފިޔާ
ށ. ފުނަދޫގައި ޔުނިވާސިޓީ ކެމްޕަހަކާއި ދަނާލެއް އަޅަން - 23.1 މިލިއަން ރުފިޔާ
ޅ. ނައިފަރުގައި ކެމްޕަހަކާއި ދަނާލެއް އަޅަން - 23.1 މިލިއަން ރުފިޔާ
ޅ. ހިންނަވަރުގައި ކެމްޕަހަކާއި ދަނާލެއް އަޅަން - 23.1 މިލިއަން ރުފިޔާ
ތ. ވޭމަންޑޫގައި ކެމްޕަހަކާއި ދަނާލެއް އަޅަން - 23.1 މިލިއަން ރުފިޔާ
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ މި މަޝްރޫއުތައް ބިޑަކާ ނުލައި ހަވާލުކުރަން މަގުފަހިކުރަން މާލިއްޔަތު ގަވާއިދު އިސްލާހުކުރީ އުސޫލުތަކާ ހިލާފަށް ކަމަށެވެ. މިއީ ފާޅުކަންބޮޑުގޮތެއްގައި ހިންގާ ކޮރަޕްޝަން ކަމަށާއި މިއިން ކޮންމެ މައްސަލައެއް ވަކިވަކިން އެމްޑީޕީގެ ސަރުކާރެއްގައި ބަލާނެ ކަމަށް އަމީރު ވިދާޅުވި އެވެ.
އެސްޑީއެފްސީ ފެސިލިޓީތަކަށް މޯބައިލް ފޯނުން ފައިސާ ދެއްކޭނެ
