އެމެރިކާގެ ނިއުޔޯކްގެ މޭޔަރަކު އިންތިޚާބު ކުރުމަށް މިއަދު އޮންނަ ވޯޓުލުމުގައި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޒޮހްރާން މަމްދާނީއަށް ވޯޓު ނުދީ މިނިވަން ކެންޑިޑޭޓް އެންޑްރޫ ކޫމޯއަށް ވޯޓު ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭ ނިއުޔޯކް ސިޓީގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފި އެވެ.
ނިއުޔޯކްގެ ކުރީގެ ގަވަރުނަރު ކޫމޯ މި އިންތިޚާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރަނީ ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި މަމްދާނީ އާ ވާދަކޮށް ބަލިވުމުންނެވެ.
މީގެ ކުރިން ޓެސްލާގެ ސީއީއޯ އެލޮން މަސްކް ފަދަ އެތައް ބިލިއަނަރުން ވެސް ވެސް ވަނީ ކޯމޯއަށް ތާއީދުކޮށްފަ އެވެ. ކޫމޯ ނިއުޔޯކްގެ ގަވަރުނަރުކަމުގައި ކުރިން ހުރި ދުވަސްވަރު މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރި މައްސަލަތަކެއް ފެންމަތިވުމުން މަގާމުން އިސްތިއުފާ ދިނީ 2021 ވަނަ އަހަރު އެވެ.
ޓްރަމްޕާއި މަސްކް ވެސް ވިދާޅުވެފައި ވަނީ ރިޕަބްލިކަން ކެންޑިޑޭޓް ކާޓިސް ސްލިވާއަށް ވޯޓު ދިނުމަކީ މަމްދާނީއަށް ވޯޓު ދިނުން ފަދަ ކަމެއް ކަމަށެވެ. ހިޔާލު ހޯދުމުގެ ވޯޓްތަކުން ދައްކާ ގޮތުގައި މި އިންތިޚާބު ކާމިޔާބު ކުރާނީ މަމްދާނީ އެވެ.
ޓްރަމްޕް އާއި މަސްކްގެ ވާހަކަތަކާއި ގުޅިގެން މަމްދާނީ މީޑިއާގައި ވިދާޅުވީ ޓްރަމްޕް އޭނާ އާ ދެކޮޅަށް ވާހަކަ ދައްކަނީ އޭނާ ހޮވިއްޖެނަމަ ޓްރަމްޕްގެ ކެމްޕޭންތަކަށް އެކަމުގެ ނޭދެވޭ އަސަރު ކޮށްފާނެތީ ކަމަށެވެ. އަދި އޭނާއަކީ ކޫމޯ ފަދަ "ބުދަކަށް" ނުވާނެތީ ކަމަށެވެ.
"އެ މީހުން އެންޑްރޫ ކޫމޯ ހޮވަން ބޭނުންވަނީ އޭނާއަކީ އެމީހުން ބޭނުންވާ ބުދެއްކަން އެނގޭތީ،" މަމްދާނީ ވިދާޅުވި އެވެ.
މަމްދާނީގެ ތަރުޖަމާނު ދަ ނިއުޔޯކް ޓައިމްސްއަށް ވިދާޅުވީ ޓްރަމްޕްގެ ތާއީދަކީ ކޫމޯގެ އެންމެ ފަހުގެ ނިމުން ކަމަށެވެ.
ރޭ ކުރި އިތުރު ޕޯސްޓެއްގައި ޓްރަމްޕް ވަނީ، މަމްދާނީ އިންތިޚާބު ކާމިޔާބުކޮށްފިނަމަ، ނިއުޔޯކަށް ދޭ ފެޑެރަލް ފަންޑު ހިފަހައްޓާނެކަމުގެ އިންޒާރު ދީފަ އެވެ. މަމްދާނީއަކީ ކޮމިއުނިސްޓެއް ކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވި ނަމަވެސް އޭނާއަކީ ކޮމިއުނިސްޓެއް ނޫނެވެ.
މަސްކް، އޭނާގެ ސޯޝަލް މީޑިއާ ސައިޓް އެކްސްގައި ކުރި ޕޯސްޓެއްގައި ލިޔުއްވާފައި ވަނީ، ނިއުޔޯކްގައި މާދަމާ ވޯޓުލާން ހަނދާން ކުރުމަށާއި ކާޓިސްއަށް ދޭ ވޯޓަކީ ހަގީގަތުގައި މަމްދާމީ ނުވަތަ އޭނާގެ ނަމަކީ ކޮބައި ކަމަށް ވިޔަސް، އޭނާއަށް ދޭ ވޯޓެއްކަން ހަނދާން ކުރުމަށެވެ.
ޓައިމްސް އިން ހޯމަ ދުވަހު ރިޕޯޓުކުރި ގޮތުގައި، ކުއީންސްގައި ބޭއްވި ކެމްޕޭން ހަރަކާތެއްގައި މަމްދާނީ ވަނީ، ޓްރަމްޕް، ކޫމޯއަށް ތާއީދުކުރާނެ ކަން އޭނާއަށް މާކުރިން ވެސް އެނގޭ ކަމަށް ވިދާޅުވެފަ އެވެ.
މަމްދާނީ ވިދާޅުވީ ކޫމޯއަކީ ނިއުޔޯކަށް އެންމެ ރަނގަޅު މޭޔަރު ނޫން ކަމަށާއި ނަމަވެސް ޓްރަމްޕަށް އެންމެ ރަނގަޅު މޭޔަރަކަށް ކޫމޯ ވެދާނެ ކަމަށެވެ.
ނޮވެމްބަރު 3ގެ ޝަރަފުގެ އައްޑަނަ ރައީސް މައުމޫނަށް އަރުވައިފި
"ބާލީ" ފެނުން ސިއްހަތަށް އެތައް ފައިދާތަކެއް!
ޝަހީދު ހުސެއިން އާދަމްގެ ހަނދާނީ ބިނާ ހުޅުވައިފި