ޔަހޫދީން ވެފައިވާ އެބަސްވުމާ ހިލާފުވެ، ފަލަސްތީނުގެ ގާޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުސަތު ދީފައިނުވާކަމަށް ގާޒާގެ އިދާރާތަކުން ހާމަކޮށްފި އެވެ.
ގާޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތާއި ޔަހޫދީންނާ ދެމެދު ހަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަކަށް އަމަލު ކުރަން ފަށާފައި ވަނީ އޮކްޓޫބަރު 10 ވަނަ ދުވަހު އެވެ. އެއާއެކު، ގާޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުން ދިޔަ ގަތުލުއާންމުގެ ދަށުން ދެމުން ދިޔަ ނިރުބަވެރި ހަމަލާތައް ހުއްޓައިލަން ޖެހުނު ނަމަވެސް، ޔަހޫދީންގެ ހަމަލާތަކަށް އަދިވެސް ނިމުމެއް އައިސްފައެއް ނެތެވެ.
ގާޒާގެ މީޑިއާ އޮފީހުން ބުނީ، އޮކްޓޫބަރު 10އާއި 31އާ ދެމެދު އެ ސަހަރަށް އެތެރެ ކޮށްފައި ވަނީ އެންމެ 3,203 ލޮރީގެ މުދާ ކަމުގަ އެވެ. އެއީ، ދުވާލެއްގެ މައްޗަށް އެންމެ 145 ލޮރީގެ ކާބޯތަކެއްޗާއި އިންސާނީ އެހީ އެވެ. ހަމާސާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު ވެސް 600 ލޮރީގެ ސާމާނު ގާޒާއަށް އެތެރެ ކުރުމުގެ ފުރުސަތު ޔަހޫދީން ދޭން ޖެހޭނެ އެވެ. ނަމަވެސް، އިންސާނީ އެހީ ވެއްދުމަށް ހުރަސް އަޅައި، ޔަހޫދީން ދަނީ އެއްބަސްވުމާ ހިލާފުވަމުންނެވެ.
ހަމާސާއި ޔަހޫދީންނާ ދެމެދު އެއްބަސްވުމެއް އެކުލަވައިލާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސްނެންގެވުމުގެ ދަށުންނެވެ. ގާޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ޔަހޫދީން ކުރިމަތި ކުރަމުންދާ ހުރަސްތައް ނައްތައިލުމަށް އެ މީހުންނަށް ބާރުއަޅައި، ފިއްތުންތައް ކުރިމަތި ކުރުމަށް ގާޒާގެ މީޑިއާ އޮފީހުން ވަނީ ޓްރަމްޕްގެ އިތުރުން އެއްބަސްވުން އެކުލަވައިލުމުގައި މެދުވެރިންގެ ދައުރު އަދާ ކުރި ގައުމުތަކަށް ވެސް ގޮވައިލާފަ އެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝްގެ ތަރުޖަމާނު ފަރްހާން ހައްގު ވިދާޅުވީ، ގާޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ، ގާޒާގެ ސަރަހައްދީ ހުރަސްތައް ހުޅުވައިލުމަށް ޔަހޫދީން އިންކާރު ކުރަމުން ދިޔުން ކަމުގަ އެވެ.
އެއްބަސްވުމާ ހިލާފަށް ޔަހޫދީ ފައުޖުން ދަނީ ގާޒާގެ އާންމު ރައްޔިތުންނަށް އަމާޒުކޮށް ދެމުންދާ ޓެރަރިސްޓު ހަމަލާތައް ވެސް އިތުރު ކުރަމުންނެވެ. މި ގޮތުން، ނޮވެންބަރު 1ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަސްކަރީ މަތިންދާބޯޓުތައް ބޭނުންކޮށް، ގާޒާގެ ދެކުނުގައި އޮތް ޚާން ޔޫނިސަށް ބޮންއަޅާފަ އެވެ. އަދި، ގާޒާގެ އިރުމަތީގައި އޮތް ޖަބާލިޔާ ރެފިއުޖީ ކޭމްޕަށް ހަމަލާދީ، އާންމުން ދިރިއުޅެމުން ދިޔަ އިމާރާތްތަކެއް ސުންނާފަތި ކޮށްލާފަ އެވެ.
ހަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަށް އަމަލު ކުރަން ފެށި ފަހުން ޔަހޫދީން ދީފައިވާ ނިރުބަވެރި ހަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 222އަށް އުފުލިފަ އެވެ. އަދި، ޒަހަމު ކޮށްލާފައިވާ މީހުންގެ އަދަދު 594އަށް އަރަ އެވެ.
2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ހިިންގި ގަތުލުއާންމުގައި ޔަހޫދީން ވަނީ ފަލަސްތީނުގެ 68,000އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލައި، އިތުރު 158,000އަށްވުރެ ގިނަ މީހުން ޒަހަމު ކޮށްލާފަ އެވެ. ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުން ޝަހީދު ކޮށްލާފައިވާ އެތަކެއް ސަތޭކަ ބަޔެއްގެ ހަށިތައް އަދިވެސް ދަނީ ފެންނަމުންނެވެ.
އިއްޒަތް އަރުވާފައިވާ ބޭފުޅުންނަށް ހެލްތު އިންޝުއަރެންސް ދެނީ
ނިދާއިރު ފަންކާ ޖަހާނަމަ ސިއްހަތަށް ގިނަ ގެއްލުންތަކެއް!
އިސްތަށިގަނޑު މާ ބޮޑަށް ހިރުވަނީ މިހެންވެ ކަމަށް ވެދާނެ!