ވަޤުފްގެ ދާއިރާއަށް އިންވެސްޓް ކުރުމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީ އާއި ބޭންކް އޮފް މޯލްޑިވްސް އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ. އަދި ބީއެމްއެލްގެ ފަރާތުން މި ފަހުުނާމާގައި ސޮއިކުރެއްވީ ސީއީއޯ މުޙައްމަދު ޝަރީފެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ ވަޤުފު މަޝްރޫއުގެ ފެށުން ލަސްވީ ފައިސާގެ ދަތިކަން ހުރުމުން ކަމަށާއި އެހެން ނަމަވެސް އެކި ފަރާތްތަކުގެ އެހީއާއެކު މިފަދަ މަޝްރޫއުތައް ފެށުމުން އިތުރު މަޝްރޫއުތައް ކުރިއަށްގެންދިޔުމުގެ ފުރުސަތުތައް ލިބޭކަމަށެވެ.
ބީއެމްއެލްއާއެކު ވެފައިވާ އެއްބަސްވުމާއެކު އިސްލާމީ އުސޫލްތަކުގެ ދަށުން ފައިސާ ހަމަޖެހިގެންދާނެކަމަށާއި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އައުޤާފް މަޝްރޫއުތައް ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަން ޝަހީމް ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ މި މަޝްރޫއުތައް ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލުމަކީ އަމާޒެއްކަމަށެވެ.
"ބީއެމްއެލް އިން އިސްލާމީ އުސޫލުން އިންވެސްޓްކުރުމަކީ މުޖުތަމައުއަށް، މުޅި ގައުމަށް ކޮށްދެވޭ އަގުހުރި ހިދުމަތެއް. މިހާރު ގާއިމްވެގެންދާ ވަޤުފު މަޝްރޫޢުތަކަކީ މުޅި ރާއްޖޭގެ އިސްލާމީ ހިދުމަތާ ގުޅިފައިވާ މަޝްރޫޢޫތަކެއް. ރާއްޖޭގައި އެބަހުރި އެތައް ސަތޭކަ މިސްކިތްތައް މި މިސްކިތްތައް އެއްފަހަރާ މަރާމާތުކުރުމަށާއި ހުރިހާ ކަމަކަށް ހަރަދުކުރުމަކީ ދައުލަތުގެ ބަޖެޓަށް އެކަނި ބަރޯސާވެގެން ކުރެވޭނެ ކަންކަމެއް ނޫން. މީގެ އެހެން ދާއިރަތައް ހޯދަން އެބަޖެހޭ ފައިސާ ހޯދުމަށްޓަކައި. މާލޭގައި ގާއިމްކުރާ މިފަދަ ތަންތަނުން މުޅިރާއްޖެއަށް ފައިދާކުރާނެ،" މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
ބީއެމްއެލް ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ވަޤުފު އިމާރާތްތައް ތަރައްގީކުރުމަށްޓަކައި މާލީ އެހީއާއި އިސްތިރާޖީގޮތުން އެ ބޭންކުން އެހީތެރިކަން ދިނުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ހުޅުމާލޭގައި ތަރައްގީކުރާ ދާރުލްސަލާމް އާއި މާލޭގައި ތަރައްގީކުރާ ދާރުލްއަރްޤަމް އަށް ބޭނުންވާ މާލީ އެހީތެރިކަން އިސްލާމީ އުސޫލްގެ ދަށުން ހަމަޖައްސައިދޭން އެހީވާނެކަމަށެވެ.
މާލެ ސަރަހައްދުގައި ސަރުކާރުން ތަރައްގީކުރާ ވަގްފު އިމާރާތްތަކުގެ މަޝްރޫއަށް ބީއެމްއެލް އިސްކާމިކް އިން 350 މިލިޔަން ރުފިޔާގެ ލޯނު ދިނުމަށް ނިންމާފައިވާކަން އެ މިނިސްޓްރީން މީގެކުރިން ބުނެފައިވެ އެވެ. މީގެ ތެރެއިން މާލޭގައި ތަރައްގީކުރާ ދާރުލްއަރްޤަމް މަޝްރޫއުއަށް 39.4 މިލިޔަން ރުފިޔާ ހަރަދުވާއިރު އެ މަސައްކަތް ކުރުމަށް ވަނީ އާރްސީސީއާ ހަވާލުކޮށްފަ އެވެ.
“ދާރުލްސަލާމް”އާއި މާލޭގައި ތަރައްޤީކުރާ “ދާރުލްއަރްޤަމް” ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ 12 ފަންގިފިލާއަށެވެ. މީގެ އިތުރުން މާލޭގައި ކީރިތި ޤުރުއާނަށް ހާއްސަ ވަޤުފް އިމާރާތެއް އެޅުމަށް ހަމަޖެހިފައިވެ އެވެ. އަދި އައްޑޫ، ފުވައްމުލައް، ތިނަދޫ، ކުޅުދުއްފުށި، ގއ. ވިލިނގިލީގައި ވަޤުފް މަޝްރޫޢު ފެށުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.
މި މަޝްރޫއުތަކަކީ ރާއްޖޭގެ އިސްލާމީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނުވާނެ މަޝްރޫއުތަކެއް ކަމަށް މިނިސްޓްރު ޝަހީމް ވިދާޅުވި އެވެ.
ޖޭއެސްސީގެ ރައީސް ކަމަށް ހުސްނީ ހަމަޖައްސައިފި
މީޑިއާ ކޮމިޝަނުގެ ރައީސަށް 59،000ރ. އަދި ނައިބަށް 48،000ރ.
އަނެއްކާވެސް ޝަހީމް އިތުރުފުޅު ހައްދަވައިފި