ޒުވާން ދިވެހި ހުނަރުވެރިންނާއެކު ދިރާގު އެކްސް އައިސިކް މިއުޒިކް ޝޯ މި ހުކުރު ދުވަހުގެ ރޭ 8:00ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ނިންމައިފި އެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) އަށް ފަހު، އެ ދުވަހުގެ ރޭ ކުރިއަށްގެންދާ މި މިއުޒިކް ޝޯ ގައި ފޯރިގަދަ ހުނަރުވެރި ދިވެހި ފަންނާނުންތަކެއް ހިމަނާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މީގެ ތެރޭގައި، ޑީޖޭ މީކާ، ޕްރޮޖެކްޓް ގްރޫވް، ވިނަވި، ޒެޑޭސިސް އަދި ސާދަ ތިރީސް އަށެއް ހިމެނެ އެވެ.
މީގެ އިތުރުން، މި ޝޯ ހިނގަމުންދާ ވަގުތު ދިރާގު ގޭމާސް ގިލްޑިއިން ގޭމިން ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މި ހަރަކާތްތަކުގައި އާންމުނަށް މުޅިން ހިލޭ ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި، "ކިންގ އޮފް ހިލް" ޗެލެންޖުގައި ބައިވެރިވެގެން ތިން މެޗުން ޖެހިޖެހިގެން މޮޅުވާ ކުޅުންތެރިންނަށް މިނީސޯގެ ވަން ޕީސް ކަލެކްޝަންގެ ހާއްސަ އިނާމެއް ލިބިގެންދާނެ އެވެ.
ދިރާގު އެކްސް އައިސިކް ސްޓޫޑެންޓް ޑިސްކައުންޓް ކާޑަކީ ދުނިޔޭގެ ފެންވަރުގައި ގަބޫލުކުރާ، ދަރިވަރުންގެ މެދުގައި މަގުބޫލު ކާޑެކެވެ. މި ކާޑަކީ، ދުނިޔޭގެ 130އަށް ވުރެ ގިނަ ގައުމުން ބަލައިގަންނަ، ދުނިޔޭގެ އެކި ކަންކޮޅުތަކުން 150،000އަށް ވުރެ ގިނަ ޑިސްކައުންޓްތަކާއި އެހެނިހެން ފައިދާތައް ލިބިގެންދާ ކާޑެކެވެ. މީގެ ތެރޭގައި ދިވެހިރާއްޖޭގެ 50އަށް ވުރެ ގިނަ އައުޓްލެޓްތަކުން ޑިސްކައުންޓްތަކާއި ދަރިވަރުންނަށް ހާއްސަ ދިރާގު ހޮޓްޑީލް ހިމެނެ އެވެ. ރާއްޖޭގައި ކިޔަވާ 18 އަހަރުން މަތީގެ ދަރިވަރުންނަށް ހާއްސަކުރެވިފައިވާ މި ކާޑު މެދުވެރިކޮށް އަހަރަކު އެންމެ 100 ރުފިޔާގެ ސަބްސްކްރިޕްޝަނަކުން މި ހުރިހާ ފައިދާތަކެއް ލިބިގެންދާނެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ދުވުން ކަމުގައިވާ، ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ 16ވަނަ އެޑިޝަންގައި ބައިވެރިވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 4،500އަށް ވުރެ ގިނަ ދުވުންތެރިން ވަނީ މި އަހަރު ރަޖިސްޓަރީކޮށްފަ އެވެ. މި ދުވުމުގެ އިތުރުން، އެ ދުވަހު ތަފާތު އެކި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ކުލަ ގަދަ ހަރަކާތްތައް ނިންމާލުމަށް ހަމަޖެހިފައިވަނީ ދުވުމުގެ ބައިވެރިންނާއި ފަންނާނުންނާއެކު ދިރާގު x އައިސިކް މިއުޒިކް ޝޯއަކާ އެކުގަ އެވެ.