ފަލަސްތީނުގެ ގާޒާގައި ދެ އަހަރު ވަންދެން ހިނގަމުންދިޔަ ނަސްލު ނައްތާލުމުގެ ހަނގުރާމަ ނިމިއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ގާޒާގެ ސުލްހައިގެ ސަމިޓަށް ފުރާ ވަޑައިގަންނަވަމުން ވިދާޅުވެއްޖެ އެވެ.

އެއާ ފޯސް ވަންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕު ވިދާޅުވީ މިއީ ވަރަށް ހާއްސަ ދަތުރެއް ކަމަށާއި ހަމާސް އާއި އިޒްރޭލުން ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމަށް ފުރިހަމައަށް އަމަލުކުރާނެތޯ އަދި އެކަން ރަނގަޅަށް ކުރިއަށް ދާނެތޯ އުފައްދާ ސުވާލުތަކަކީ ތާކުންތާކުޖެހޭ ވާހަކަތަކެއް ނޫން ކަމަށް ވިދާޅުވި އެވެ.

އިޒްރޭލާއި ހަމާސްގެ ގަނގުރާމް ނިމުނީ ކަމަށް ޓްރަމަޕް އިއުލާން ކުރި ނަމަވެސް އަދިވެސް ގިނަ ބަޔަކަށް އެކަން ގަބޫލުކުރަން އުނދަގޫވެ، އެތައް ސުވާލުތަކެއް ދަނީ އުފައްދަމުންނެވެ. އެގޮތުން އިޒްރޭލާއި ހަމާސްގެ ކުރިމަތިލުން ދާއިމީ ގޮތެއްގައި ނިމުނީކަމާ މެދު އޮތީ ކިހާ ޔަގީންކަމެއްތޯ ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ އެ ހަނގުރާމަ ނިމިއްޖެ ކަމަށެވެ.

"ހަނގުރާމަ ނިމިއްޖެ. މިހާރު އެނގިއްޖެތަ؟" ނޫސްވެރިޔާ ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވި އެވެ.

ހަމަލާތައް މެދުކަނޑާލުން އެގޮތުގައި ދެމި އޮންނާނެތޯ ސުވާލުކުރުމުން ވެސް ޓްރަމްޕް ވިދާޅުވީ އެކަން އެހެން އޮންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ޓްރަމްޕު މި ދަތުރުގައި ފުރަތަމަ ވަޑައިގަންނަވާނީ އިޒްރޭލަށެވެ. ހަމާސް އިން މިނިވަންކުރާ އިޒްރޭލުގެ އަސީރުންގެ އާއިލާތަކާ ބައްދަލުކުރައްވައި އަދި އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ވެސް ކުރައްވާނެ އެވެ. އޭގެ ފަހުން ދެން ވަޑައިގަންނަވާނީ މިސްރުގެ ޝަރުމުއް ޝައިހްގައި ބާއްވާ ސަމިޓަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ.