ދަތިހާލުގައި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށްޓަކައި މިދިޔަ ސަރުކާރުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓްތައް ބޮޑު އަގުގައި ކުއްޔަށް ދޭތީ ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރަން ފަށައިފި އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދޫކުރުމުގެ މަސައްކަތް އެއްކޮށް ނުނިމެނީސް އައިބޭ އޮންލައިންގައި ވަނީ މީހަކަށް ލިބުނު ތިން ކޮޓަރީގެ ފްލެޓެއް 25،000ރ. އަށް ކުއްޔަށްދިނުމަށް އިއުލާންކޮށްފަ އެވެ.

ތިން ކޮޓަރީގެ އެޕާޓްމަންޓަކަށް ސަރުކާރުން ކަނޑައަޅާފައި ވަނީ 11،500ރ. އެވެ. އެހެންކަމުން އިއުލާންކޮށްފައި މިވަނީ ކުއްޔަށް ވުރެ 13،500ރ. ބޮޑުކޮށް ދޫކުރުމަށެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. މިދިޔަ ސަރުކާރުން އާންމުކުރި ފްލެޓް ލިސްޓްގައި ހައްގު ނޫން ބައެއް މީހުންގެ ނަންތައް ހުއްޓެވެ. އަދި އެކަން ރަނގަޅުކުރާނަމޭ ބުނި ސަރުކާރުން އެކުލަވާލި ލިސްޓް ވަނީ ސިއްރުކޮށްފަ އެވެ.

ލިސްޓް ސިއްރުކުރުމަށްފަހު ސަރުކާރުގެ އިސްވެރިޔަކު ފްލެޓަށް ކުރިމަތިލި ބައެއް މީހުންނަށް ގުޅައި ރިޝްވަތުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ހުށަހަޅައި، ފައިސާ ދީފިނަމަ، ފްލެޓް ލިބޭނެކަމުގެ ޔަގީންކަން އަންނަނީ ދެމުންނެވެ. މިކަން "ހުރިހާ"އަށް ވަނީ ކަށަވަރުކުރެވިފަ އެވެ.

އެ ބޭފުޅާ ގުޅަމުން ދަނީ އެކަށީގެންވާ ޕޮއިންޓް ނުލިބުމުގެ ސަބަބުން ފްލެޓް ނުލިބިވާ ބައެއް ފަރާތްތަކަށެވެ.

ފްލެޓް ކުއްޔަށްދޭތީ ސޯޝަލް މީޑިއާގައި ކަންބޮޑުވުންފާޅުކުރި ބައެއް ފަރާތްތަކުން ބުނީ ކުއްޔަށް ދޭން އިއުލާންކުރި މީހާގެ އަތުން އެއްވެސް ޝަރުތަކާ ނުލައި ވަގުތުން ފްލެޓް އަތުލަންޖެހޭ ކަމަށެވެ.

މިހާތަނަށް ދޫކޮށްފައިވާ ސޯޝަލް ހައުސިންގެ ހުރިހާ ފްލެޓްތަކުގެ އިންސްޕެކްޝަނެއް ހަދައި ކުލި ނުދައްކާ ފަރާތްތަކާއި ކުއްޔަށް ދީފައިވާ ފަރާތްތަކުގެ އަތުން ފްލެޓް އަތުލައި ހައްގުވެރި އެހެން ފަރާތަކާ ފްލެޓް ހަވާލުކުރަންޖެހޭ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.