ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އަހަރުގެ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ހުއްޓާ ގެއްލިއްޖެ އެވެ.

މިއީ 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި 1،360 ކޭސް ސިނގިރޭޓެވެ. އެ ކޭސްތަކުގައި ޖުމްލަ 13،600،000 ސިނގިރޭޓު ސްޓިކް ހުރިއިރު، އެއީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި 100 މިލިއަނަށް ވުރެ ބޮޑު އަދަދެއް ދައުލަތަށް ލިބޭނެ މުދަލެވެ.

ކަސްޓަމްސްގެ އޮފިޝަލަކު ވިދާޅުވީ އޮންނަ އުސޫލުގެ ތެރެއިން އެމްޕީއެލްއާ ހަވާލުކޮށްފައިވާ އެ ސިނގިރޭޓްތައް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށެވެ. އަދި އެކަން އެނގުނީ ރޭގެ ވަގުތެއްގައި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ވަގަށް އެ ސިނގިރޭޓް އެތެރެކުރި މައްސަލަ ކަސްޓަމްސް އިން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެ މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ސިނގިރޭޓު ކޭސްތައް ފެނުނީ ޕްލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގަ އެވެ.