ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާ މިމަހު ނިމޭނެ ކަމަށް ބީއެމްއެލް އިން ބުނެފި އެވެ.

އދ. މަންދޫގައި އޭޓީއެމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިން ސްޓްރެޓްޖީ މުހައްމަދު ސައީދު ވިދާވީ މި އަހަރުގެ އަށް މަސް ދުވަސްތެރޭ 95 ރަށުގައި އޭޓީއެމްތައް ބަހައްޓާ ނިމިފައިވާކަމަށެވެ. އަދި އޭޓީއެމް ނުބެހެއްޓި ހުރީ 10 ރަށުގައި ކަމަށާއި އެ ރަށްތަކުގައި އޭޓީއެމް ބަހައްޓާ ކުރިއަށް 20 ދުވަސް ތެރޭ ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާތަނަށް ބީއެމްއެލް އިން ވަނީ ރާއްޖޭގެ 17 އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާ ނިންމާފަ އެވެ. މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައި ނުނިމޭ އަތޮޅުތަކަކީ ޅ އަދި ލ އަތޮޅުގެ އިތުން އައްޑޫ އެވެ.

ރާއްޖޭގައި އޭޓީއެމް ބަހައްޓަން ފަށާފައި ވަނީ 2000 ވަނަ އަހަރުއެވެ. އެއަހަރުން ފެށިގެން ފާއިތުވި 24 އަހަރުތެރޭ މާލެ ފިޔަވައި 81 ރަށުގައި އޭޓީއެމް ވަނީ އޭޓީއެމް ބަހައްޓާފަ އެވެ. އިއްޔު ބަހައްޓާފައިވަނީ ބޭންކުގެ 250 ވަނަ އޭޓީއެމް އެވެ.