ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން ދިވެހި ސަރުކާރަށް 37 މިލިއަން ރުފިޔާ ދެއްކުމަށް ދުބާއީގެ ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވީ، ދިވެހި ސަރުކާރަށް 8.9 މިލިއަން ދިރުހަމް (37 މިލިއަން ރުފިޔާ) އިއްޔެ އިން ފެށިގެން ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ދައްކަން އެގްޒެކިއުޓާސް ކުންފުންޏާއި އެ ކުންފުނީގެ ހިއްސާދާރުންގެ މައްޗަށް ދުބާއީގެ ކޯޓަކުން އިއްޔެ އަމުރެއް ނެރެފައިވާ ކަމަށެވެ.
"އަމުރާ އެއްގޮތަށް ފައިސާ ނުދައްކައިފި ނަމަ ދެން ކުރަންޖެހޭ ކަންކަން ވެސް އަޅުގަނޑުމެން ކުރާނަން. ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން މަަސައްކަތް ކުރާނަން،" އުޝާމް ވިދާޅުވި އެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ވެންޓިލޭޓަރުތައް ގަންނަން ބިޑަކާ ނުލައި ހަވާލުކުރަން ނިންމީ ކޮވިޑްބަލީގައި ކޮންމެ ދުވަހަކު ވެސް އެތައް ދިވެހި ރައްޔިތުންގެ ފުރާނަ ގެއްލިދާނެ ކަމުގެ ބިރު އޮތް ކަމަށް ޑޮކްޓަރުން ބުނާތީ އަވަހަށް އެކަން ކުރުމުގެ ގޮތުން ކަމަށެވެ.
އަމީން ވިދާޅުވީ އެގްޒެކިއުޓާސް ކުންފުންޏަކީ ވެންޓިލޭޓަރުގަތުމަށް ޑަބްލިޔުއެޗްއޯ އިން ލަފާދިން ކުންފުންޏެއް ކަމަށެވެ. އެހެންވެ އަވަހަށް އެތަކެތި ގަންނަން ބޭނުންވާތީ އެ ކުންފުންޏަށް ފައިސާ ދެއްކީ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖުމްލަ 75 ވެންޓިލޭޓަރު ގަތުމަށް ސަރުކާރުން އެ ކުންފުންޏަށް 34 މިލިއަން ރުފިޔާ ދިނެވެ. އެއްބަސްވިގޮތަށް އެ ކުންފުނިން ވެންޓިލޭޓަރުތައް ފޯރުކޮށްނުދިނެވެ.
އެއީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކޮށްފައިވާ ކަމެއް ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރިޔަސް، އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރުމުން އެފަދަ ކަމެއް ހިނގާފައިވާ ކަމުގެ އެއްވެސް ހެއްކެއް ނުފެނުނެވެ.
ހެލްތު މިނިސްޓްރީ އާއި އެގްޒެކިއުޓާސްއާ އެކު ހެދި އެއްބަސްވުމާ އެ ކުންފުނިން ހިލާފުވެފައިވާތީ އެ މައްސަލަ ދުބާއީގެ ކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ މާޗު މަހު އެވެ.
އެ މައްސަލަ ދުބާއީގެ ކޯޓަށް ދިވެހި ސަރުކާރުން ހުށަހެޅީ އާބިޓްރޭޝަނުން އަމުރު ކުރުމުން ވެސް ފައިސާ ނުދެއްކުމުންނެވެ.