ކޮރަޕްޝަން ނައްތާލަން ހުރި ހުރަސްތައް ނައްތާލަން ހަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އދ. މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރޭ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެ ހަ ބިލް މަޖިލީހުން ފާސްކުރަން ބޭނުންވަނީ ރާއްޖޭގެ ނިޒާމުން ކޮރަޕްޝަން ފުހެލުމަށްޓަކައި ގާނޫނީ ގޮތުން ހުރި ހުރަސްތައް ނައްތާލުމަށެވެ.

ނަމަވެސް އެއީ ކޮން ބިލްތަކެއް ކަމެއް އެމަނިކުފާނު ވިދާޅެއްނުވެ އެވެ.

އެމަނިކުފާނު މާލޭގެ މޭޔަރަކަށް ހުންނެވިއިރު، އެ ކައުންސިލުން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ފަހަކަށް އައިސް އަންނަނީ ފެންމަތިވަމުންނެވެ. އެފަދަ މައްސަލައެއް ސިޓީ ކައުންސިލްގެ ޖަލްސާއަށް އެޖެންޑާކުރުމުން ޕީއެންސީއަށް ނިސްބަތްވާ ކައުންސިލަރުން އެ ޖަލްސާ ބޮއިކޮޓްކުރެ އެވެ.

ޖަލްސާ ބޮއިކޮޓް ކުރަނީ ޕީއެންސީއަށް ހާޒިރުކޮށް އެފަދަ އިން އަމަލުކުރަން އެ ކައުންސިލަރުންނަށް އެންގުމުންނެވެ.

މި ސަރުކާރުގެ ތެރެއިން އެޗްޑީސީ އާއި ފެނަކަ ކޯޕަރޭޝަނާއި މޯލްޑިވް ގޭސް އިން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ވެސް ފެންމަތިވި އެވެ. ނަމަވެސް މިއިން އެއްވެސް މައްސަލައެއް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ރައީސް މުއިއްޒު އެއްވެސް އިދާރާއަކަށް އަންގާފައެއްނުވެ އެވެ.

މި ސަރުކާރުން ހިންގި ކޮރަޕްޝަންގެ އެއްވެސް މައްސަލައަކާ ގުޅިގެން މިހާތަނަށް އެއްވެސް މީހެއްގެ މައްޗަށް ދައުވާ އުފުލާފައެއް ވެސް ނުވެ އެވެ.

އެހެންކަމުން ކޮރަޕްޝަން ހުއްޓުވުމުގެ ނަމުގައި ގާނޫނުތައް ފާސްކުރާނަމޭ ބުނުމަކީ ރައްޔިތުންގެ ލޮލުގައި އަދުންއަޅުވަން ކުރާ ކަމެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން އަންނަނީ ސިފަކުރަމުންނެވެ.