ފުވައްމުލަކުގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ އެވެ.

އެ ރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ފަނަކަ ކޯޕަރޭޝަނުން ބުނީ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑުނީ މެއިން ޓްރާންސްފޯމަރު އޮފުވުމުގެ ސަބަބުން ކަމަށެވެ.

ޖަނެރޭޓަރުތަކަށް މައްސަލަތައް ދިމާވެ ފުވައްމުލަކުން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑުމަކީ އާންމު ކަމެކެވެ.

މިދިޔަ ހޮނިހިރު ދުވަހު ވެސް ވަނީ ދެ ގަޑިއިރަށް ވުރެ ގިނަ ވަގުތު އެ ރަށުން ކަރަންޓު ކެނޑިފަ އެވެ.

ކަރަންޓުގެ އިތުރުން ފެނުގެ ހިދުމަތް ކެނޑުމުގެ މައްސަލަތައް ވެސް އަންނަނީ އިތުރުވަމުންނެވެ.

ފުވައްމުލަކުން "ހުރިހާ"އާ ވާހަކަދެއްކި ބައެއް މީހުން ބުނިގޮތުގައި ކޮންމެ ރެއަކު ފެން ކަނޑާތީ ފާހާނާ ކުރުމަށް ވެސް ވަރަށް ބޮޑަށް ދަތިވާ ކަމަށެވެ. އަދި އެންމެ ބޮޑު ކަންބޮޑުވުމަކީ އެ މައްސަލަ ހައްލުވާން ނަގާނެ މުއްދަތެއް ނޭނގޭތީ ކަމަށް އޭނާ ބުންޏެވެ.

"ދުލުން ބަޔާން ކުރަންވެސް ދަތި އަޅުގަނޑުމެން މިކަމުގައި އުފުލަމުންދާ ތަކުލީފްތައް. މިއީ ބަލައިގަނެވޭނެ ކަމެއް ނޫން،" އެ މީހާ ބުންޏެވެ.

ފުވައްމުލަކުގެ ފެނާއި ކަރަންޓްގެ ހިދުމަތުން ކޮންމެ މަހަކު އެތައް މިލިއަން ރުފިޔާއެއް ފެނަކައަށް ލިބޭއިރު، މި މައްސަލަ ހައްލު ނުވެ ގިނަ ދުވަސް ވާންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް އެރަށު ރައްޔިތުން ބުންޏެވެ.