އިންޑިއާގެ އުއްތަރު ޕްރަދޭޝްގައި ދިރިހުއްޓާ ވަޅުލާފައި އޮއްވާ ފެނުނު ތުއްތު ކުއްޖާގެ ހާލު ވަރަށް ސީރިއަސް ކަމަށް އެގައުމުގެ ހޮސްޕިޓަލުން ބުނެފި އެވެ.

އުފަންވިތާ 20 ދުވަސް ވީ ތުއްތު ކުއްޖާ ވަޅުލާފައި އޮއްވާ ފެނުނީ މިދިޔަ އާދިއްތަ ދުވަހު ހެނދުނު އެ ސަރަހައްދަށް ބަކަރިތަކަށް ކާންދޭން ދިޔަ މީހަކަށެވެ.

އޭނާ އެތަނަށް ދިޔައިރު ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑު ބިމު އަޑިން އިވިގެން ބެލިއިރު ކުއްޖާގެ އަތުން ތަންކޮޅެއްވެސް ފެންނަން ހުރި ކަމަށް އޭނާ އާ ހަވާލާދީ ނޫސްތަކުން ބުނެފައި ވެއެވެ.

ފުލުހުންގެ އެހީތެރިކަމާއެކު ކުއްޖާ ވަޅުލާފައި އޮތްތަނުން ނަގައިގެން އެ ސަރަހައްދުގެ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ކުއްޖާއަށް އޮކްސިޖަން ނުލިބުމާއި ޖަނަވާރު އަދި ސުފާސޫފީގެ ޝިކާރައަކަށް ވެފައިވުމުގެ ސަބަބުން ކުއްޖާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވެ އެވެ.

މިކަމާއި ގުޅިގެން އިންޑިއާގެ ފުލުހުން ވަކި އެއްޗެއް ބުނެފައިނު ވާއިރު، އިންޑިއާގެ ބައެއް ސަރަހައްދު ތަކުގައި ފިރިހެން ކުދިން އިސްކޮށް އަންހެން ދަރިން މެރުމުގެ ސަގާފަތުގެ ތެރެއިން ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށް ބައެއް ފަރާތްތަކުން ރިޕޯޓުކޮށްފައި ވެއެވެ.

މިހާތަނަށް ކުއްޖާގެ އާއިލާ ހޯދިފައި ނުވާކަމަށް އިންޑިއާ ފުލުހުން ބުނެ އެވެ.