ރާއްޖޭގެ އެންމެ މަގުބޫލު، އަދި އެންމެ ވަރުގަދަ ފުޓްބޯޅަ ޓީމުތަކާއި ކުޅުންތެރިން ފެނިގެންދާނެ ފުޓްބޯޅަ މުބާރާތް ކަމުގައިވާ ދިވެހި ޕްރިމިއަރ ލީގުގެ ޓައިޓަލް ސްޕޮންސާގެ ގޮތުގައި ދިރާގުން ސޮއިކޮށްފި އެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ މި ފޯރިގަދަ މުބާރާތް ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ފެބުރުވަރީ މަހުގެ ނިޔަލަށް، ގަލޮޅު ރަސްމީ ދަނޑުގަ އެވެ. ރާއްޖޭގެ އެންމެ މޮޅު 10 ފުޓްބޯޅަ ޓީމު ވާދަކުރާ މި މުބާރާތުގައި މި ފަހަރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ކްލަބް ވެލެންސިއާ، ވިކްޓްރީ ސްޕޯޓްސް ކްލަބް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ޔުނައިޓެޑް ވިކްޓްރީ، ކްލަބް އީގަލްސް، ޓީސީ ސްޕޯޓްސް ކްލަބް، ބުރު ސްޕޯޓްސް ކްލަބް، ކްލަބް ގްރީން ސްޓްރީޓްސް އަދި އޯޑީ ސްޕޯޓްސް ކްލަބް ފެންނާނެ އެވެ.
"ދިރާގު ދިވެހި ޕްރިމިއަރ ލީގު، ރާއްޖޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތުގެ ޓައިޓަލް ޕަރޓްނަރއަށް ވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ފުޓުބޯޅައަކީ ދިވެހީންގެ މެދުގައި އަބަދުވެސް އެންމެ މަގުބޫލު ކުޅިވަރުކަމުގައި ވީ ހިނދު، ފުޓްބޯޅައަށް އޮތް ލޯތްބާއި ފޯރި އަލުން އިޔާދަކުރުމަށާއި ކުޅުންތެރިން ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް" ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒް ވިދާޅުވި އެވެ.
"ރާއްޖޭގައި ފުޓްބޯޅައިގެ ރޫހު އަލުން ދިރުވައި، ކުޅުންތެރިންނާއި ކްލަބްތައް އިތުރަށް ތަރައްގީކޮށް ވާދަވެރި ޕްލެޓްފޯމްތައް ގާއިމްކޮށް، މި ކުޅިވަރު އެހެން ހަރުފަތަކަށް ގެންދިއުމަށް އެހީތެރިކަން ބޭނުންވެފައިވާ މި ދަނޑިވަޅުގައި ދިރާގުން ދީފައިވާ އެހީތެރިކަން ފާހަގަކޮށް ޝުކުރުއަދާކުރަން. އަދި، ދިރާގަކީ ފެށުނީއްސުރެ ވެސް ދިވެހި ފުޓްބޯޅައިގެ ކުރިއެރުމުގެ މުހިންމު ބައިވެރިއެއްކަން ފާހަގަކޮށްލަން" އެފްއޭއެމްގެ ރައީސް އަޙްމަދު ތޯރިގް ވިދާޅުވި އެވެ.
ދިރާގުން ދަނީ ރާއްޖޭގައި ކުޅިވަރު ތަރައްގީކުރުމަށާއި މުޖުތަމައުގެ ތެރޭގައި ހިންގާ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ، މި ފަދަ މުހިންމު ހަރަކާތްތަކަށް އެންމެ ކުރީ ސަފުގައި އެއްބާރުލުން ދެމުންނެވެ.