ރާއްޖޭގައި ޑޮލަރުގެ އަގު އުފުލެމުން އައުމާއި ގުޅިގެން ވައިގެ ދަތުރުފުރަށް ނަގާ ޓިކެޓުގެ އަގު ވެސް އުފުލި ދަތުރުކުރާ މީހުންގެ އަދަދު ދަށަށް ގޮސްފި އެވެ.
ބޭންކު ރޭޓުގައި ޑޮލަރެއް އަދިވެސް ލިބެނީ 15.42 އަށް ނަމަވެސް، ކަޅު ބާޒާރުގައި ޑޮލަރެއް ލިބެނީ 20 ރުފިޔާއަށް ވުރެ ބޮޑުކޮށެވެ.
ޑޮލަރުގެ އަގު އުފުލުމުގެ އަސަރު އެކި ވިޔަފާރިތަކަށް ކުރަމުން އަންނައިރު، ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ ކުރިއާއަޅައިބަލާއިރު މިހާރު ޓިކެޓުތަކުގެ އަގުތައް ވެސް ބޮޑުކަން ފާހަގަކޮށްފަ އެވެ.
އަންނަ ހަފުތާއަކީ ސްކޫލުތަކަށް ޓާމުގެ މެދުތެރެއިން ލިބޭ ޗުއްޓީ ފެށޭ ހަފްތާއަށް ވާއިރު، އެފަދަ ޗުއްޓީތަކުގައި ދިވެހީން އާންމު ގޮތެއްގައި ބޭސްފަރުވާއަށް ފަދަ ޒަރޫރީ ބޭނުންތަކަށް ދަތުރުތައް ކުރާއިރެވެ. އެހެން ނަމަވެސް ޓިކެޓުގެ އަގު ބޮޑުވުމުން އެފަދަ ދަތުރުތައް ވެސް ކުރަން ފަސްޖެހޭ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ޑޮލަރުގެ އަގާއި އެކު ޓިކެޓުގެ އަގުވެސް ބޮޑުވެފައިވާއިރު، ބައެއް އެއާލައިންސް ތަކުން ބުނާ ގޮތުގައި އެއާލައިންތަކުން މުއާމަލާތު ކުރަނީ ޑޮލަރުން ކަމަށްވާއިރު، ދިވެހި އޭޖެންޓުން އެ ފައިސާ ހޯދަން ޖެހެނީ ކަޅު ބާޒާރުންނެވެ.
އެ ފަރާތްތަކުން ބުނާގޮތުންނަމަ ޑޮލަރުގެ އަގު އުފުލުމާއި އެކު ޓިކެޓްގެ އަގުތައް 20 ވަރަކަށް ޕަސެންޓަށް ބޮޑުވެ އެވެ.
މީގެ އިތުރުން، އެއާލައިންސް ތަކުން ބުނާގޮތުގައި ކުރިއާ އަޅައިބަލާއިރު މީހުން ވައިގެ ދަތުރުފަތުރު ކުރާ މިންވަރު ވެސް ވަނީ މަދު ވެފަ އެވެ.
ރާއްޖޭގެ ދަރަނި ބޮޑުވުމުން ދައުލަތުން ޑޮލަރުގެ އާމްދަނީ އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރިމަތިވަމުންނެވެ. އެގޮތުން ދިވެހީން ހިމެނޭ ގޮތަށް، ރާއްޖެއިން ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކްސްވަނީ މިދިޔަ ޑިސެންބަރު މަހު ބޮޑުކޮށްފަ އެވެ.
މީގެ އިތުރުން ރާއްޖެއަށް އެންމެ ގިނައިން ޑޮލަރު ވައްދައިދޭ ދާއިރާ ކަމަށްވާ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ވިޔަފާރިތަކުން ޑޮލަރު މާރުކުރަން މަޖުބޫރުކޮށް، މަރުކަޒީ ބޭންކަށް އޭގެ ތެރެއިން ގިނަ ޑޮލަރު ދަނީ ނަގަމުންނެވެ.
ސަރުކާރުން އަޅާ ފިޔަވަޅުތަކާއެކު، ޑޮލަރުގެ އަގު ވެއްޓޭނެ ކަމަށް ބުނި ނަމަވެސް، ޑޮލަރުގެ އަގު ދަނީ އަދިވެސް އުފުލެމުންނެވެ.