ސަރުކާރު އަޑީގައި އޮވެގެން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ލައްވައި މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ކޮންޓްރޯލް ކުރާ ބިލާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގައި އިސްކޮށް އުޅޭ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ އިންތިހާބީ ރައީސް އަހްމަދު ނާއިފް ފްރޭމްކުރާނެ ކަމަށް ބުނެ، ޕީއެންސީގެ އެކްޓިވިސްޓުން އިންޒާރުދޭން ފަށައިފި އެވެ.
އެ ހަރަކާތުގައި ނާއިފް އިސްކޮށް އުޅޭތީ އޭނައާ ގުޅޭގޮތުން ޕީއެންސީގެ އެކި އެކްޓިވިސްޓުން އަންނަނީ ދޮގު ވާހަކަތައް ފަތުރަމުންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނާއިފް ވިދާޅުވީ އެފަދަ ދޮގު ވާހަކަތައް ފަތުރަނީ އޭނާއަށް ބިރުދައްކައި މީޑިއާ ކޮންޓްރޯލް ބިލާ ދެކޮޅަށް ހިންގާ ހަރަކާތްތައް ހުއްޓުވިދާނެ ކަމަށް ދެކިގެން ކަމަށެވެ. ނަމަވެސް އެއީ ވާނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަދި ސަރުކާރާ ގުޅުންހުރި އެކި މީހުން މިދިޔަ ހަފްތާއެއްހާ ދުވަސްތެރޭ އަހަންނަށް ގުޅާ 'މެސެޖްތަކެއް' ބޭނުންކޮށް އަހަރެން ބްލެކްމެއިލްކުރާނެ ކަމަށާއި ނޫނީ މައިތިރިވުމަށް އިންޒާރު ކޮށްފައިވޭ.އަދި އޭގެ މައްޗަށް އަހަރެންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގާ ފްރޭމް ކުރާނޭ ކަމަށް ބުނެ އިންޒާރު ވެސް ކޮށްފައިވޭ،" ނާއިފް ވިދާޅުވި އެވެ.
ނާއިފް ވިދާޅުވީ ސޯޝަލް މީޑިއާގައި ދޮގު ވާހަކަތައް ފެތުރުމުގެ ބަދަލުގައި އޭނާއަށް ތުހުމަތެއް ކުރެވޭނަމަ ރާއްޖޭގައި ގާއިމްވެފައިވާ ގާނޫނީ ނިޒާމުގެ ތެރެއިން އެ މައްސަލައެއް ބަލަންވީ ކަމަށެވެ.
"އަމިއްލަ ނަފުސަށް އޮންނަ ޔަގީންކަމަކީ ގޯހެއް ހަދާފައި ނޯންނާނެ ކަމުގެ ޔަގީންކަން. ކޮންމެ ވާހަކައެއް ދެއްކިއަސް ކޮންމެ ގޮތެއް ހެދި ނަމަވެސް އަހަންނާ މެދު ކިތަންމެ ދޮގު ވާހަކައެއް ދެއްކިއަސް ފަހަތަކަށް ނުޖެހޭނަން. އެއަށްވުރެ އަޒުމާއި ހިތްވަރު އިރާދަކުރެއްވިޔާ މާގަދަ،" ނާއިފް ވިދާޅުވި އެވެ.
ދައްކާ ބިރަކަށް، އިންޒާރަކަށް ފަހަތަކަށް ނުޖެއްސޭނެ ކަމަށާއި އޭނާ ހުއްޓަސް ނެތަސް ހައްގުތަކުގެ ދިފާއުގައި ދިވެހި ނޫސްވެރިން ކުރަމުން އެދާ މަސައްކަތް ދާނީ ބާރަށް ކުރިއަށް ކަމަށް ނާއިފް ވިދާޅުވި އެވެ.
"މި ހަރަކާތަކީ އަހަރެން އެކަންޏެއް ނޫން.މިއީ ނޫސްވެރިންނާއި އެތައް ލައްކަ ދިވެހި ރައްޔިތުންގެ އަޑު. އަހަންނަށް ބިރު ދައްކައި ގޮތްގޮތް ހަދާލައިގެން މި ހަރަކާތް،މި އަޑުތައް ހުއްޓުވޭނެ ކަމަށް ބެލުމަކީ ކުށްހީއެއް،" ނާއިފް ވިދާޅުވި އެވެ.
މިއީ ސަރުކާރުން ކުރާ ކަމެއް ނޫން ކަމަށް ރައްޔިތުންނަށް ދެއްކުމަށް ހަންނާން ލައްވައި އެ ބިލް ހުށަހެޅިޔަސް އެޓޭނީ ޖެނެރަލް އަހްމަދު އުޝާމާއި އިންފޮމޭޝަން މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑް) އާއި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މިއީ އެ ބޭފުޅުންގެ ބައިވެރިވުން އޮވެގެން ފަރުމާކޮށްފައިވާ ބިލެއްކަން ސާފުކޮށް އެނގެ އެވެ.
އަބުރު ރައްކާތެރިކުރުމުގެ ނަމުގައި މި ބިލް ފާސްކުރަން އުޅެނީ ސަރުކާރުން ހިންގާ ކޮރަޕްޝަންގެ ނޭއްގާނީ އަމަލުތަކުގެ ވާހަކަ ދެއްކުން ހުއްޓުވޭނެ ކަމަށް ހީކޮށްގެންނެވެ.