މިދިޔަ މަސް ނިމުނުއިރު ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވުގައި ބޭނުންކުރެވޭ ގޮތަށް ހުރި ޑޮލަރުގެ އަދަދަށް 25 މިލިއަން ޑޮލަރު މަދުވެފައިވާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިކަން ހާމަވީ އެމްއެމްއޭ އިން އާންމުކުރި އޮގަސްޓު މަހުގެ ތަފާސްހިސާބުތަކުންނެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު ޖުމްލަ ރިޒާވުގައި ހުރީ 810 މިލިއަން ޑޮލަރެވެ. މިއީ ޖުލައި މަހާ އަޅާބަލާއިރު 35.5 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ. ނަމަވެސް ބޭނުންކުރެވޭ ރިޒާވަށް ބަލާއިރު، ޖުލައި މަހު ހުރި 213 މިލިއަން ޑޮލަރު މިހާރު ވަނީ 188 މިލިއަން ޑޮލަރަށް ދަށްވެފަ އެވެ.
ބޭނުންކުރެވޭ ރިޒާވު ހިސާބުކުރަނީ ޖުމްލަ ރިޒާވުން ކުރުމުއްދަތުގެ ދަރަނި އުނިކުރުމަށްފަހު، އެތެރޭގެ ބޭންކުތަކުގައި އިންވެސްޓުކޮށްފައިވާ ޑޮލަރު ހިމަނައިގެންނެވެ. މިގޮތުން މިދިޔަ މަސް ނިމުނުއިރު އެމްއެމްއޭއިން ބޭންކުތަކުގައި އިންވެސްޓުކޮށްފައި ހުރީ 117 މިލިއަން ޑޮލަރެވެ. މި އިންވެސްޓްމަންޓްތައް ކޮށްފައިވަނީ މިދިޔަ އަހަރު ރިޒާވް ބޭންކް އޮފް އިންޑިއާއިން ނެގި 800 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ ބައެއް ބޭނުންކޮށްގެންނެވެ.
ބޭނުންކުރެވޭ ރިޒާވު 200 މިލިއަން ޑޮލަރަށްވުރެ ދަށަށް ގޮސްފައިވަނީ ފާއިތުވި ތިން މަސް ތެރޭގަ އެވެ. އެހެންނަމަވެސް ރިޒާވުގެ ޖުމްލަ އަދަދު މަތިވަމުން ދިއުމާއެކު، ޑޮލަރުގެ ތާށިކަމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިފައިވާކަމަށް އެމްއެމްއޭއިން ވަނީ ފާހަގަކޮށްފަ އެވެ.
ޑޮލަރު މާރުކުރުން މަޖުބޫރުކުރި ފަހުން، ބޭންކުތަކުން މާރުކުރި ޑޮލަރުގެ ތެރެއިން 247 މިލިއަން ޑޮލަރު އެމްއެމްއޭއަށް ވަދެފައިވެ އެވެ. ނަމަވެސް ލިބޭ ޑޮލަރަށްވުރެ ބޭނުންކުރާ ޑޮލަރުގެ އަދަދު އިތުރުވަމުންދާތީ، ޑޮލަރުގެ ދަތިކަމަށް އަވަސް ހައްލެއް ނުފެންނަ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފަ އެވެ.
އެމްއެމްއޭ އިން ބުނިގޮތުގައި ޑޮލަރުގެ ތާށިކަން އިތުރަށް ގޯސްވެގެން ދިޔައީ ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި އަށް ބިލިއަން ރުފިޔާ ޗާޕުކުރުމުގެ ސަބަބުން ރުފިޔާގެ ސަޕްލައި ނުބައްދަލު ވަރަކަށް އިތުރުވެގެން ދިއުމުންނެވެ.