ސުލްޙަވެރިގޮތުގައި ފަލަސްތީނުގެ މައްސަލަ ހައްލުކޮށް މިނިވަން ދައުލަތް ގާއިމްކޮށް، ތަންފީޒު ކުރުމާގުޅޭ ގަރާރު ކަމަށްވާ "ނިއުޔޯކް ޑެކްލެރޭޝަން" އދ. އިން ފާސްކުރުމަށް ރާއްޖެއިން ވޯޓު ދީފި އެވެ.
މި ޤަރާރު ބަލައިގެންފައިވަނީ މިއަދު ބޭއްވުނު އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ދެވަނަ ޕްލެނަރީ ޖަލްސާގަ އެވެ.
މި ޤަރާރު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި ގައުމުތަކުގެ ތެރެއިން 142 ގައުމުގެ ތާއީދާއެކުގައެވެ. މިގަރާރާ ދެކޮޅަށް 10 ގައުމުން ވޯޓުދީފައިވާއިރު 12 ގައުމަކުން ވަކިކޮޅަކަށް ވޯޓުދޭން ބޭނުންނުވާކަމަށް ވަނީ ކަނޑައަޅާފަ އެވެ.
މި ޑެކްލަރޭޝަނަކީ މި އަހަރުގެ ޖުލައި މަހުގެ 28 އިން 30 ޖުލައި އަށް ސައުދީ އަރަބިއްޔާ އާއި ފަރަންސޭސިވިލާތުގެ ރިޔާސަތުގެ ދަށުން އދ. ގައި ބޭއްވި ހައި ލެވަލް އިންޓަނޭޝަނަލް ކޮންފަރެންސް ފޯ ދަ ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެއްޝަން އޮފް ޕަލަސްތީން އެންޑް ދަ އިންޕްލިމެންޓޭޝަން އޮފް ދަ ޓޫ-ސްޓޭޓް ސޮލިއުޝަން ގެ ނަތީޖާ ޑޮކިއުމަންޓެވެ.
ފަލަސްޠީނުގެ މައްސަލައަށް އިންސާފުވެރި، ދެމެހެއްޓެނިވި ހައްލެއް ހޯދުމަށާއި، ފަލަސްތީނުގައި މިނިވަން، އިގްތިސާދީ ގޮތުން ދެމެހެއްޓެނިވި އަދި ޑިމޮކްރެޓިކް ދައުލަތެއް ބިނާކުރުމަށް މި ޑެކްލަރޭޝަންގައި ހާއްސަކޮށް ގޮވާލާފައިވެ އެވެ. މިކަމަކީ، އޭގެ ސަބަބުން ބައިނަލްއަގްވާމީ އުސޫލުތަކާއި، ސަރައްހައްދީ ސަލާމަތާއި، އިންސާނީ ހައްގުތަކަށް އިހްތިރާމްކުރުމާއި، އަމިއްލައަށް ކަންކަން ނިންމުމަށް ޤައުމުތަކަށް ލިބޭ ޙައްޤު އިތުރަށް ހަރުދަނާ ވެގެންދާނެ ކަމެކެވެ.
މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި، ސުލްޙަވެރި ހައްލެއް ގެނެވޭނީ 1967 ވަނަ އަހަރުގެ ކުރިން އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، އެއީ މިނިވަން، މުސްތަގިއްލުދައުލަތެއްގެ ގޮތުގައި ބައިނަލްއަޤްވާމީ ގާނޫނުތަކާއި އ.ދ. ގެ ޗާޓަރާއި އެއްގޮތް ވާގޮތުގެ މަތިން ފަލަސްޠީނުގެ ދައުލަތް ގާއިމުކުރެވުމުންކަމުގައި ރާއްޖެއިން ތާއިދުކުރެ އެވެ.