މިދިޔަ ދޮޅު އަހަރު ތެރޭގައި ވަގު ސެޓްފިކެޓްތަކުގެ 19 މައްސަލައެއް ހުށަހަޅާފައިވާއިރު، އެފަދަ މައްސަލަތަކުގައި ގާނޫނީ ފިޔަވަޅު ނޭޅޭތީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ކަންބޮޑުވުންފާޅުކޮށްފި އެވެ.
ވަގު ސެޓްފިކެޓްތަކުގެ މައްސަލަ ބޮޑުވެ، އެކަމަށް ހައްލެއް ގެނައުމަށް އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖެހުމުގެ ބާރު ހަމައެކަނި އެމްކިއުއޭއަށް އޮންނަ ގޮތަށް މިހާރު ވަނީ އުސޫލު ބަދަލުކޮށްފަ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްކިޔުއޭގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ވިދާޅުވީ ސޮޔާއި ތައްގަނޑު ފޯޖުކުރުމުގެ 11 މައްސަލައެއް މިދިޔަ އަހަރު ހުށަހެޅިފައިވާ ކަމަށެވެ. އަދި މި އަހަރުގެ މިހާތަނަށް އެފަދަ އަށް މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މި ފާހަގަ ކުރެވެނީ ފޮޓޯކޮޕީ ނަގާ ތަންތަނުގައި ތިއްބަވާ ބޭފުޅުން ވެސް އެބަ ސޮއި ކުރައްވާ ތައްގަނޑު ޖަހާފައި. ބައެއް ލޯޔަރުންގެ ސަބަބުން މިހާރު އެއްވެސް ވަރަކަށް އިތުބާރު ނުކުރެވޭ. އެތަނުގައި ކައުންޓަރުގައި އިންނަ ކުއްޖާ އެބަ ސޮއިކޮށްލާ. އަޅުގަނޑުމެންނަށް ކިހިނެތްތޯ ބަރޯސާ ވެވޭނީ އެ އެއްޗިއްސަށް،" ފިޒާނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑިޕްލޮމާ އިން ފެށިގެން ގޮސް ޑިގްރީއާ ހަމައަށް ފޯޖު ސެޓްފިކެޓް ހުށަހަޅާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ފޭކް ސެޓްފިކެޓް ހުށަހަޅާފައިވާކަމުގެ ރިޕޯޓް ލިބިފައިވާ ބައެއް ދާއިރާތައް
އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ)
އެޑިޔުކޭޝަން ދާއިރާ (ހާއްސަކޮށް އާލީ ޗައިލްޑްހޫޑް އެޑިޔުކޭޝަން، އީސީއީ)
ބިޒްނަސް އެޑްމިނިސްޓްރޭޝަން
މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ)
ގާނޫނީ ދާއިރާ
މާސްޓާ އިން ބިޒްނަސް
- މާސްޓާ އިން އެކައުންޓިން
އެ މައްސަލަތައް ފުލުހުންނަށް ހުށަހަޅާފައިވާ ނަމަވެސް މައްސަލަތައް އަވަހަށް ނުނިންމާ ކަމުގެ ކަންބޮޑުވުން ވެސް އޭނާ ފާޅު ކުރެއްވި އެވެ. އޭގެ ސަބަބުން އެފަދަ ވަގު ސެޓްފިކެޓް ގެންގުޅޭ މީހުން އެއް ވަޒީފާއިން އަނެއް ވަޒީފާއަށް ބަދަލުވާއިރު، އެ މައްސަލަ ތަކުރާރުކޮށް ދިމާވާ ކަމަށް ވެސް ފިޒާނާ ވިދާޅުވި އެވެ.
"އެ ގަވާއިދު ހެދީ ވެސް މިކަން މިނިމައިޒް ކުރުމަށް. އަޅުގަނޑުމެންނަކަށް ނުހުއްޓުވޭނެ މިކަމެއް. ޕޯޓަލް ސިސްޓަމެއް އައިސްގެން ނޫނީ ނުވާނެ. އޭރުން ވަރަށް ބޮޑަށް މިނިމައިޒް ވާނެ. އެކަމަކު އެހާ ހިސާބަށް އަންނަން ވާއިރަށް ވެސް އަޅުގަނޑުމެންނަކަށް މަޑެއް ނުކުރެވޭނެ. އެހެންވީމަ އަޅުގަނޑުމެން އެޓެސްޓޭޝަން ތައްގަނޑު ޖަހަން އުސޫލެއް ހެދީ،" އޭނާ ވިދާޅުވި އެވެ.
އެ އުސޫލުގެ ދަށުން އެމްކިއުއޭއިން އެޓެސްޓް ކުރަން ޖެހޭނީ އެ އޮތޯރިޓީން ދޫކުރާ ލިޔުންތައް އެކަންޏެވެ. އެހެންވެ، އެމްކިއުއޭއިން ހުއްދަ ދީގެން ރާއްޖޭގެ ޔުނިވާސިޓީތަކާއި ކޮޖެލްތަކުން ހިންގާ ކޯސްތަކުގައި ދޫކޮށްފައިވާ ސެޓްފިކެޓްތައް އެޓެސްޓްކުރަން އެމްކިއުއޭއަށް ވަކިން ހުށަހަޅަން ނުޖެހޭނެ އެވެ.