އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރު ހުސައިން ހަސަން ފުލުހުން ހައްޔަރު ކޮށްފައި ވަނީ ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް އަނިޔާ ކުރުމަށް ފަހުގައި ކަމަށް ވިދާޅުވެ، އެކަން ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ފުލުހުން ކުރިއަށްގެންދިޔަ އޮަޕަރޭޝަނެއްގެ ފޮޓޯ ނެގުމުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ހުސައިން ހައްޔަރުކޮށްފައި ވަނީ ބުދަ ދުވަހުގެ ރޭ ދަންވަރުގަ އެވެ.
ހުސައިން އަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވިލިނގިލި ދާއިރާގެ ރައީސެވެ.
އެކްސްގައި ކުރެއްވި ޕޯސްޓުގައި ފައްޔާޒް ވިދާޅުވީ ފުލުހުން ހަލާތާ ނުބައްދަލު ބާރުގެ ބޭނުންކޮށްގެން އަނިޔާ ކުރުމަށް ފަހު ހުސައިން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ އަނިޔާވެރި އަމަލު ކުށްވެރި ކުރާކަމަށް ފައްޔާޒް ވިދާޅުވި އެވެ.
މީގެ އިތުރުން ފައްޔާޒު ވިދާޅުވީ ގާނޫނާއި ގަވާއިދުތަކަށް ވުރެ މަތީގައި ތިބޭ ބަޔަކަށް ފުލުހުން ވަމުންދިޔުމަކީ ބިރުވެރި ސިގުނަލެއް ކަމަށެވެ. ފައްޔާޒް ވަނީ ވަގުތުން ވަގުތަށް އެއްވެސް ޝަރުތަކާ ނުލައި ހުސައިން މިނިވަން ކުރުމަށް ގޮވާލައްވާފަ އެވެ.
ހުސެއިން ހައްޔަރުކުރީ މައްޗަންގޮޅީގައި ފުލުހުން ޑްރަގް އޮޕަރޭޝަނެއް ހިންގި ވަގުތު އެމަންޒަރު ފޮޓޯ ނެގުމުންނެވެ.
މަންޒަރު ދުށް މީހުން ބުނީ ފޮޓޯ ނެގުން ފިޔަވައި އިތުރު ކަމެެއް ހުސައިން ނުކުރާ ކަމަށެވެ. އޭނާ ހައްޔަރުކުރި ފުލުހުން ގަބޫލުކުރާގޮތުގައި ފޮޓޯ ނެގުމަކީ ކުށެއް ކަމަށް އެ މީހުން ކިޔައިދިނެވެ. ނަމަވެސް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ފޮޓޯ ނެގުމަކީ ގާނޫނީގޮތުން މަނާ ކަމެއް ނޫނެވެ.
އެ އޮޕަރޭޝަން ކުރިއަށްދިޔަ ސަރަހައްދުގައި އެ ތަން ބަންދުކުރިކަން އަންގައި ޓޭޕް ދަމާފައިވެސް ނުވެ އެވެ.