މީޑިއާ ކޮންޓްރޯލް ކުރާ ބިލް ދިރާސާކުރާ މަޖިލީހުގެ މިނިވަންމުއައްސަސާތަކާ ބެހޭ ކޮމިޓީގެ މިއަދު ބައްދަލުވުން ސިއްރުކޮށްގެން ކުރިއަށްގެންދިޔަ ކަންކަން އެޓާނީ ޖެނެރަލްގެ އޮފީހުން ހާމަކޮށްފި އެވެ.

ކޮމިޓީ ސިއްރުކުރީ އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ހިމެނޭ ކަމަށް ކަމުގެ ބަހަނާއާއެކު އެވެ. ކޮމިޓީ ސިއްރު ކުރުމަށްފަހު ކޮމިޓީގައި ވާހަކަދައްކާފައި ވަނީ އެޓާނީ ޖެނެރަލްގެ އޮފީހުން ހުށަހެޅި އިސްލާހުތަކާ ގުޅޭގޮތުންނެވެ.

ސިއްރު ކޮމިޓީގައި ކުރިއަށްގެންދިޔަ އެ އިސްލާހުތައް އެޓާނީ ޖެނެރަލްގެ އޮފީހުން މިރޭ ވަނީ ހާމަކޮށްފަ އެވެ. އެގޮތުން ކޮމިޝަންގެ މެމްބަރުން ކަނޑައެޅުމާއި ވަކިކުރުމުގައި އަދި ކޮމިޝަންގެ ރައީސް އައްޔަންކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނުހިމެނޭ ގޮތަށް ބިލުގެ 17، 19 އަދި 20 ވަނަ މާއްދާ އިސްލާހު ކުރަން ހުށަހަޅާފައިވެ އެވެ.

ބިލުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މެމްބަރުންގެ ހުންނަންޖެހޭ ސިފަތަކުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މަގާމެއްގައި ހުރުން މަނާކުރުމުގެ ބަދަލުގައި ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ކަމުގައި ނުވުން ހިމަނައި، އެ މާއްދާގެ (ޅ) އިސްލާހު ކުރަން ވެސް ހުށަހަޅާފައިވެ އެވެ.

މީގެއިތުރުން ބިލުގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ 'ހިޔާލު ތަފާތުވެފައިވާ މައްސަލައެއްގައި މައުލޫމާތު ހާމަކުރުމުގެ މިންގަނޑު' އުނިކޮށް، 'އާންމު މަސްލަހަތާ ގުޅޭ މައްސަލަތަކުގައި މައުލޫމާތު ހާމަކުރުމުގެ މިންގަނޑު' ބިލުގައި ހިމެނުމާއި އެ މިންގަނޑު އިތުރަށް ތަފްސީލުކުރަން ވެސް ހުށަހަޅާފައިވެ އެވެ.

ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ލައްވައި އެ ބިލް މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމެވެ.