ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ އެއް ބާނީ އަދި ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)ގެ ހަނދާނުގައި ތައުޒިޔާ ދަފްތަރެއް ހުޅުވަން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ނިންމައިފި އެވެ.

އެމްޔޫ މަނިކުގެ ހަނދާނުގައި ހުޅުވާ ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރުން އޮންނާނީ މާދަމާ އިން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް މަޓީއިން ބުނެ އެވެ. ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް ހެނދުނު 9:00 އިން ހަވީރު 5:00 އަށް އެ ދަފްތަރުގައި ސޮއިކުރެވޭ ކަމަށް ބުނެފައިވެ އެވެ.

އެމްޔޫ މަނިކު އަވަހާރަވީ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް 30 އޮގަސްޓް ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގަ އެވެ.

ރާއްޖޭގެ ޓޫރިޒަމަށް އެމްޔޫ މަނިކު ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަންކޮށް ސަރުކާރުން ވަނީ 2011 ވަނަ އަހަރު އޭނާ އަށް ދިވެހި ދައުލަތުގެ އިއްޒަތް އަރުވައިފަ އެވެ. އޭގެ ކުރިން 1982 ވަނަ އަހަރު ހިތްވަރު ދިނުމުގެ އިނާމު އަދި 2002 ވަނަ އަހަރު ޝަރަފުވެރިކަމުގެ އިނާމު ވެސް ސަރުކާރުން ދިނެވެ.

މީގެ އިތުރުން ރާއްޖޭގެ މިނިވަންކަމަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި ދިން ހިދުމަތުގެ އިނާމާއި ދައުލަތަށް ގިނަދުވަހު ހިދުމަތް ކުރެއްވި އިއްޒަތްތެރިއެއްގެ ލަގަބު ވެސް އެމްޔޫ މަނިކަށް ވަނީ ލިބިވަޑައިގެންފަ އެވެ.