މީޑިއާ ކޮންޓްރޯލްކުރުމަށް ސަރުކާރަށް މަގުފަހިވާ ގޮތަށް ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލުގެ ބަހުސް، މާދަމާ ދައުރުން ބޭރުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ތާވަލުކޮށްފި އެވެ.
ދައުރުން ބޭރު ޖަލްސާގެ އެޖެންޑާ މަޖިލިސް އިދާރާއިން އަންގާރަ ދުވަހުގެ ރޭ ނެރުނުއިރު މީޑިއާ ބިލުގެ ބަހުސްގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް މެންބަރުން އައްޔަންކުރުމާއި، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ބޯޑަށް ހަތަރު މެންބަރުން އައްޔަނުކުރުން އޮތީ އެޖެންޑާކޮށްފަ އެވެ.
ހަންނާން މީގެ ކުރިން ވެސް މީޑިއާތައް ރެގިއުލޭޓް ކުރުމާ ގުޅޭ ބިލެއް ހުށަހެޅުއްވި ނަމަވެސް އެ ބިލް ބޭރުކޮށްލީ އެވެ. މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަނީ ވެރިކަން ކުރާ ޕީއެންސީއަށް ކަމަށްވާއިރު އެ ޕާޓީގެ މެންބަރުން ވަނީ ބިލަށް ތާއީދުކޮށް ވާހަކަދައްކަވައިފަ އެވެ.
މީގެ ކުރިން ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވެސް ވަނީ އެ ބިލާއެކު މީޑިއާގެ މިނިވަންކަން ކަށަވަރު ކުރެވި، މިޑިއާތައް ބާރުވެރިކުރުމަށް މަގުފަހިކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ރޭ ރައީސް ވަނީ، އެ މަނިކުފާނުގެ ކޮންޓްރޯލް މީޑިއާއަށް އޮންނަ ގޮތަކަށް ބިލު ފާސްކުރަން ބޭނުންފުޅު ނުވާ ކަމަށް ޕީއެންސީގެ މެންބަރުންނަށް އަންގަވައިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ފާހަގަކުރެވޭ ގޮތުގައި، ހަންނާން ހުށަހެޅުއްވި މީޑިއާ ބިލު ފާސްވެއްޖެ ނަމަ، ވަކިވަކި ނޫސްވެރިން 5،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭއިރު މީޑިއާތައް 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވެ އެވެ.
މީގެ އިތުރުން، ކޮމިޝަނަށް ހުށަހެޅޭ މައްސަލައެއް އެއްކޮށް ބަލައި ނުނިމެނީސް މީޑިއާތަކުގެ ރަޖިސްޓްރީ ބާތިލުކޮށް ނޫސްތައް ހުއްޓުވާލުމުގެ ބާރު ވެސް އާ ގާނޫނާއެކު އުފައްދާ ކޮމިޝަނަށް ލިބޭނެ އެވެ.
އެހެންވެ، މީޑިއާ ކައުންސިލާއި ނޫސްވެރިންގެ ޖަމިއްޔާ، އެމްޖޭއޭއިން އެ ގާނޫނު އަނބުރާ ގެންދަން ގޮވާލާފައިވެ އެވެ.
މި ބިލާ ގުޅިގެން ބިލު ހުށަހަޅާފައިވަނީ ނުބައި ވިސްނުމެއްގައި ކަމަށާއި، މި ބިލުގެ ސަބަބުން ރާއްޖޭގެ މިނިވަން ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން 20 އަހަރު ފަހަތަށް ސޮއްސާލުމުގެ ބިރު އެބައޮތް ކަމަށް، ރާއްޖޭގެ ތަޖުރިބާކާރު ބައެއް ނޫސްވެރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ވިދާޅުވެފަ އެވެ.
އެ ބިލަށް ތާއީދުކޮށް މަޖިލީހުގެ ޕީއެންސީގެ މެންބަރުން ވާހަކަދައްކަވައިފައިވާއިރު، ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ އެ ބިލާއެކު މީޑިއާގެ މިނިވަންކަން ކަށަވަރު ކުރެވި، މިޑިއާތައް ބާރުވެރިކުރުމަށް މަގުފަހިކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ.
މިނިވަން މީޑިއާ ނެތިކޮށްލާ ބިލުގައި ބުނެފައި ވަނީ ބިލަށް އަމަލު ކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަންޖެހޭ ކަމަށެވެ. އެ ކޮމިޝަން އުފެދުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވޭނެ އެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގައި ތިބޭނީ ހަތް މެންބަރުން ކަމަށް ބިލުގައި ބުނެ އެވެ. އޭގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންނެވެ. އަނެއް ހަތަރު މެންބަރުންނަކީ މީޑިއާތަކުގެ ފަރާތުން އިންތިހާބު ކުރާ މެންބަރުންނެވެ. އެފަދަ އިންތިހާބެއްގައި ބައިވެރިވެވޭނީ ވުޖޫދުވިތާ ފަސް އަހަރުވެފައިވާ މީޑިއާތަކަށެވެ.
މީޑިއާ ރެގިއުލޭޓު ކުރަން އެކުލަވާލާ ކޮމިޝަނެއްގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންތަކެއް ތިބެންޖެހޭ ސަބަބެއް އެ ބިލުގައި ބަޔާންކޮށްފައެއް ނުވެ އެވެ. އަދި ބިލުގައިވާ ގޮތުން ކޮމިޝަނުގެ ރައީސް އައްޔަން ކުރަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
ބިލުގައިވާ ގޮތުން ބޮޑެތި ބާރުތަކެއް އަލަށް އުފައްދާ ކޮމިޝަނަށް ލިބޭނެ އެވެ. އޭގެ ތެރޭގައި، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރުމާއި މައްސަލައެއް ބަލައި ނުނިމެނީސް ވެސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރުން ހިމެނެ އެވެ. އަދި ފަހުން ކޯޓަށް ގޮސްގެން ވެސް ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ.
އޭގެ އިތުރުން، ކޮމިޝަނުން މައްސަލައެއް ބަލަމުންދަނިކޮށް، ނޫސް ވެބްސައިޓެއް ބްލޮކް ކުރުން ނުވަތަ ޓީވީގެ ބްރޯޑްކާސްޓު ހުއްޓުވަން އެންގުމުގެ ބާރު ވެސް ކޮމިޝަނަށް ލިބޭނެ އެވެ.