ހިޔުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރަކަށް މުޙައްމަދު ޝަފީގު މަހުމޫދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އެޗްއާރުސީއެމަށް ދެ މެންބަރަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުވީ އެ ކޮމިޝަންގެ ދެ މެންބަރެއްގެ މަގާމު އަންނަ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހާ ހަމައަށް ހަމަވާތީ އެވެ. މަގާމުގެ މުއްދަތު ހަމަވަނީ ނައިބު ރައީސް މޫމިިނާ ވަހީދާއި މެންބަރު އާމިނަތު ޝިފާތު އަބްދުއްރައްޒާގު އެވެ.
އެޗްއާރްސީއެމުން ހުސްވާ މެންބަރުންގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުވީ އާންމުކޮށް އިއުލާންކުރުމުން ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތުހަމަވާ މީހުންގެ ތެރެއިން އެ މަގާމަށް އައްޔަން ކުރުމަށް ރައީސް މުހައްމަދު މުއިއްޒަށް ފެންނަ ނަންތަކެވެ. އެގޮތުން ރައީސް މުއިއްޒު ފޮނުވީ ހ. ސޯސަން، މުހައްމަދު ފާރިސް ތޯހާ، އާއި މ. ޕޮޕީ، މުހައްމަދު ޝަފީގު މަހްމޫދުގެ ނަމެވެ.
މި މައްސަލަ ދިރާސާކުރުމުގެ މަރުހަލާގައި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވަނީ ދެ ބޭފުޅުންނާ އިންޓަވިއުކޮށް، މާކްސް ދީފަ އެވެ. ކޮމިޓީން ރުހުން ދޭނީ %75 އަށް ވުރެ މަތިން މާކްސް ލިބޭ މީހަކަށެވެ. އެގޮތުން ރައީސް ނަން ފޮނުވި ދެ ނަމުގެ ތެރެއިން %75 އަށް ވުރެ މަތިން މާކްސް ލިބުނީ ޝަފީގަށެވެ.
އެޗްއާރުސީއެމަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުން އޭނާ އެ މަގާމަށް އައްޔަން ކުރަން ފާސްކޮށްފައި ވަނީ ވޯޓު ދިން މެންބަރުންގެ އިއްތިފާގުންނެވެ.
މިނިވަން މުއައްސަސާތަކުގެ މެންބަރެއްގެ މަގާމު ހުސްވެއްޖެނަމަ އެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާނީ އާންމުކޮށް އިއުލާންކޮށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހަޅުއްވާ ނަންތައް މަޖިލީހުން ފާސްކުރުމުން ރައީސުލްޖުމްހޫރިއްޔާ އެވެ.