ބޮލީވުޑްގެ މަޝްހޫރު ތަރި އާމިރު ޚާންއާއި އޭނާގެ ކޮއްކޮ ކުރީގެ އެކްޓަރު ފައިސަލް ޚާންއާ ދެމެދު ކުރިއަށްދާ ކޯޅުން އިތުރަށް ހޫނުވެ ފައިސަލް އާމިރުއާ ގުޅުން ކަނޑާލައިފި އެވެ.
ފައިސަލްގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މީގެ ފަހުން އާމިރުއާއި އޭނާގެ އާއިލާއާ އެއްވެސް ގުޅުމެއް ބާއްވަން ބޭނުންނުވާ ކަމަށެވެ.
އެއާއެކު މިހާތަނަށް އާމިރުގެ ފަރާތުން އޭނާއަށް ކޮންމެ މަހަކު ލިބެމުން އައި މާލީ އެހީތެރިކަން ގަބޫލު ނުކުރާނެ ކަމަށް ވެސް ފައިސަލް ބުނެފައިވެ އެވެ.
މީގެ އިތުރުން ފާއިތުވި އަހަރުތަކުގައި އާމިރުއާއި އޭނާގެ އާއިލާގެ ފަރާތުން ފައިސަލްއަށް ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދަން ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިޝާރާތެއް ވެސް ފައިސަލް ދީފައިވެ އެވެ.
ފައިސަލްގެ ފަރާތުން މި ބަޔާން ނެރެފައި މިވަނީ މީގެ ކުރިން އާމިރުއާއި އޭނާގެ އާއިލާއަށް ގިނަ ތުހުމަތުތަކެއް ކޮށް އޭނާ ނެރުނު ބަޔާނަށް ރައްދުދީ އާމިރުގެ އާއިލާއިން ވެސް ބަޔާނެއް ނެރެފައިވަނިކޮށެވެ.
އެ ބަޔާނުގައި އެ އާއިލާއިން ބުނެފައިވަނީ ފައިސަލްގެ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް ނެތް ތުހުމަތުތަކެއް ކަމަށާއި އެ އާއިލާ ބަދުނާމު ކުރުމުގެ ބޭނުމުގައި ކޮށްފައިވާ ތުހުމަތުތަކެއް ކަމަށެވެ.