ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕީއެންއެފް އިން މާލޭގައި ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

ޕީއެންއެފްގެ އޮފިޝަލަކު ވިދާޅުވީ އެ ޖަލްސާ އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި އާޓިފިޝަލް ބީޗްގަ އެވެ.

"ވޭކްއަޕް"ގެ ނަމުގައި ބޮޑު ޖަލްސާއެއް އެ ޕާޓީން ބާއްވަން ނިންމީ ކައުންސިލްތަކުގެ ބާރުތައް ކަނޑުވާލައި ޝަރުއީ ނިޒާމުގެ ކޮންޓްރޯލް ރައީސް މުހައްމަދު މުއިއްޒު ނަގާފައިވާ ދަނޑިވަޅެއްގަ އެވެ.

އެ ޕާޓީގެ އެކި މެންބަރުން އަންނަނީ އެ ޖަލްސާ ސޯޝަލް މީޑިއާގައި ޕްރޮމޯޓް ކުރަމުންނެވެ.

ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަނާ ދެކޮޅަށް އެ ޕާޓީން އަންނަނީ އަޑުއުފުލަމުންނެވެ. އެގޮތުން ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ސަރުކާރަށް ނިސްބަތްވާ އެކި ބޭފުޅުންގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުނުކޮށް ޕާކްކުރަމުން އަންނަ ކަމަށެވެ.

މި ސަރުކާރުގެ ވެރިން ފާޅުކަންބޮޑުގޮތެއްގައި ކޮރަޕްޝަންގެ އަމަލުތައް ހިންގަމުން އަންނަ ކަމަށް ވެސް ޔާމީން ތުހުމަތު ކުރެއްވި އެވެ.