ބޮލީވުޑްގެ މަޝްހޫރު ތަރި އަމީތާބް ބައްޗަންގެ މޫނަށް ތަފާތު ބަދަލުތައް އަންނަނީ އުމުރުން ދުވަސްވެ މުސްކުޅިވާތީ ކަމަށް އޭނާ ބުނެފި އެވެ.
މިފަހަކަށް އައިސް އަމީތާބުގެ މޫނަށް އައިސްފައިވާ ބަދަލުތަކުގެ ވާހަކަ ސޯޝަލް މީޑިއާގައި ދެކެވެމުން އަންނައިރު އެކަމުގެ ފަހަތުގައި އިތުރު އެހެން ސަބަބެއް ނެތް ކަމަށް އަމީތާބު ބުންޏެވެ.
ރިއަލިޓީ ޝޯ "ކޯން ބަނޭގާ ކްރޯޑްޕަތީ"ގެ 17 ވަނަ ސީޒަން ހުށައަޅައިދެމުން އަންނަ އުމުރުން 82 އަހަރުގެ އަމީތާބުގެ މޫނަށް ވަރަށް ބޮޑު ބަދަލުތަކެއް އައިސްފައިވާކަން ފާހަގަ ކުރެވެ އެވެ.
މިބަދަލުތަކާއެކު އޭނާގެ ސިއްހަތާމެދު ސަޕޯޓަރުން ކަންބޮޑުވުން ފާޅުކުރަމުން ދިޔަ ނަމަވެސް އެއީ އުމުރާއެކު އަންނަ ބަދަލުތަކެއް ކަމަށް އަމީތާބުގެ ބްލޮގްގައި އޭނާ ވަނީ ބުނެފަ އެވެ.
އެއާއެކު އުމުރާ އެކަށީގެންވާ ގޮތުގެ މަތިން އެ ބަދަލުތައް ރަނގަޅު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް އަމީތާބު ބުންޏެވެ.
ކޯން ބަނޭގާ ކްރޯޑްޕަތީގެ 25 ވަނަ އަހަރު ފާހަގަ ކުރަމުން އަންނައިރު އަމީތާބަކީ ގަވާއިދުން އެ ޝޯ ހުށައަޅަމުން އަންނަ ހޯސްޓެވެ. އޭނާގެ ހުށައެޅުންތެރިކަމުން އެ ޝޯ އިތުރަށް ޝައުގުވެރިކޮށްދެ އެވެ.