މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) ގެ ތެރެއިން 2018 ވަނަ އަހަރާއި 2020 ވަނަ އަހަރު ދެމެދު ހިންގި 28 މިލިއަން ރުފިޔާގެ ތެލުގެ ވައްކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން އަންގައިފި އެވެ.

މާލޭ ކޮމާޝަލް ހާބަރުގައި އެމްޕީއެލްއިން ހިންގާ އޮޕަރޭޝަންތަކުގެ ބޭނުމަށް 2018 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް އުޅަނދުތަކަށް ބޭނުން ކުރުމަށް ގަތް ޑީސަލްގެ ތެރެއިން ބޮޑު ހިޔާނާތެއް ހިންގާފައިވެ އެވެ. އެ މައްސަލާގައި ހާއްސަ އޮޑިޓެއް ވެސް ވަނީ ހަދައިފަ އެވެ.

މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީއަކުން އެ ރިޕޯޓު ދިރާސާކޮށް ހުށަހެޅި ރިޕޯޓު މަޖިލީހުގެ ތަޅުމުން ވަނީ ފާސްކޮށްފަ އެވެ. އެ ރިޕޯޓު ފާސްކުރީ 69 މެންބަރުން ވޯޓާއެކު އެވެ. ރިޕޯޓާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ. އެ ރިޕޯޓުގައި ފަސް ފިޔަވަޅެއް އެޅުމަށް ވަނީ އަންގާފަ އެވެ.

އަޅަން އެންގި ފިޔަވަޅުތަކުގެ ތެރޭގައި ކުރިމަގުގައި ތަކުރާރު ނުވާނެ ގޮތަށް އިސްލާހު ކުރުމަށް އެމްޕީއެލްއަށް އެންގުމާއި ތެޔޮ އުފުލާ އުދަނދުތައް މޮނީޓަރު ކުރުމަށް ބޯޓުފަހަރުގައި ކެމެރާ ހަރުކުރުމަށާއި ބޭނުންވާ ސިސްޓަމްތަކާއި، ތެޔޮ ދޫކުރުމަށް ބޭނުންކުރާ މީީޓަރުތައް ޒަމާނީ މީޓަރުތަކަށް ބަދަލުކޮށް، ޑިޖިޓަލްކޮށް ލައިވްކޮށް ރިޕޯޓު ނެގޭ ގޮތަށް ހަދައި، އޮޓޮމެޓިކް ގޭޖިން ސިސްޓަމް ހަރުކޮށް ނިންމައި، 45 ދުވަހުގެ ތެރޭގައި އެމްޕީއެލްއިން އެކަން މާލިއްޔަތު ކޮމިޓީއަށް އެންގުން ހިމެނެ އެވެ.

މީގެ އިތުރުން ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް ކޮށްދިނުމަށް ކޯޓުތަކާއި ޕީޖީއަށް އަންގައި، މަސައްކަތް ކުރިއަށްދާ ގޮތް ތިން މަސްދުވަހުގެ ތެރޭގައި އެންގުމަށާއި އެފްއެސްއެމްގެ އެންމެހާ މާލީ މުއާމަލާތްތައް ހިންގާފައިވަނީ ރަނގަޅަށްތޯ ބެލުމަށް ހާއްސަ އޮޑިޓެއް ހެދުމަށް ވެސް ވަނީ އަންގާފަ އެވެ.

މީގެ އިތުރުން އެމްޕީއެލްގެ އުޅަނދުތައް މާލެ ސަރަހައްދުން ބޭރުވުމަށް ފަހު ނުވަތަ ވަކި ދުރުމިނެއް ފަހަނައަޅާ ދިއުމަށް ފަހު އެ އުޅަނދުތައް މޮނީޓަރު ކުރުމަށް ބޭނުންވާ އޮޓަމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް ތިން މަސް ދުވަހުގެ ތެރޭގައި ހަރު ކުރުމަށް އެންގުން ހިމެނެ އެވެ.

އެކަމަށް އޮޑިޓު އޮފީހުން ތައްޔާރުކުރި ހާއްސަ އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ، އެ މުއްދަތުގެ ތެރޭގައި 8.85 ލީޓަރުގެ ޑީސަލް އޮޕަރޭޝަންތަކަށް ބޭނުންވެގެން ގަނެފައިވީ ނަމަވެސް އެމްޕީއެލްއިން ޑީސަލް ގަނެފައިވާ ރޭޓަށް ބަލާއިރު، އުޅަނދުތަކާއި ޖަނަރޭޓަރުތަކަށް ބޭނުންނުކޮށް، 2.82 މިލިއަން ލީޓަރުގެ ޑީސަލް ގެއްލިފައިވާ ކަމަށް ރިޕޯޓުގައި ބުންޏެވެ.

މިއީ، އެ މުއްދަތުގައި ޖުމްލަކޮށް ގަތް ލީޓަރުގެ 31.9 ޕަސަންޓު ކަން ފާހަގަކޮށްފައިވާއިރު، ހިޔާނާތުގެ ތެރެއިން ގެއްލިގެންދިޔަ ޑީސަލްގެ އަގު 28.31 މިލިއަން ރުފިޔާއަށް އަރާ ކަމަށް އޮޑިޓުން ދައްކަ އެވެ.

އެގޮތުން، ބަނދަރުގެ އޮޕަރޭޝަންސްގައި ބޭނުންކުރާ ޖަނަރޭޓަރުތަކާއި ޓަގު ބޯޓުތައް އަދި އާރުޓީޖީ ކްރޭންތަކުން ގެއްލުނު ޑީސަލްގެ އަދަދުތައް އޮޑިޓު ރިޕޯޓުގައި ވަނީ ވަކީން ފާހަގަކޮށްފަ އެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ޑީސަލް ސަޕްލައި ކުރަން ގިނަ އަދަދެއްގެ ޑެލިވަރީ ނޯޓުތަކާއި ޕާޗޭސް ވައުޗަރުތައް ވަނީ ފޯޖުކޮށްފަ އެވެ. އަދި ޑީސަލް ގެނައުމުން ޖަނަރޭޓަރުތަކާއި ކްރޭންތަކުގެ އިތުރުން ޓަގު ބޯޓުތަކަށް ތެޔޮ އަޅާފައިނުވާ ކަމަށް ބުނެފައިވެ އެވެ.

އެމްޕީއެލް އާއި ފިއުލް ސަޕްލައި މޯލްޑިވްސް ގެ މުވައްޒަފުންތަކެއް ބައިވެރިވެގެން ކުރި މި ވައްކަމުގެ ވާހަކަ އެންމެ ފުރަތަމަ ފެންމަތިވެގެންދިޔައީ ކޮވިޑް ލޮކްޑައުންގެ ތެރޭގައި އެ ކުންފުނީގެ އޮޕަރޭޝަންތައް މަޑުޖައްސާލުމުން ވެސް ތެލުގެ ހަރަދުތައް ކުޑަ ނުވުމުން ބެލި ބެލުމުގެ ތެރެއިންނެވެ.